ޚަބަރު

މުވައްޒަފުން ރޭޑިއޭޝަނުން ރައްކާތެރިކުރުމަށް ޚާއްސަ ބެޖެއް އައިޖީއެމްއެޗުން ތަޢާރަފުކޮށްފި


އައިޖީއެމް ހޮސްޕިޓަލުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރޭޑިއޭޝަން މޮނިޓަރކޮށް ރޭޑިއޭޝަނުން ރައްކާތެރިވުމުގެ ޚާއްސަ ނިޒާމެއް ޤާއިމުކޮށްފިއެވެ. ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމްގެ ނަމުގައި ގާއިމުކުރި މިނިޒާމުގެތެރެއިން ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮޕަރޭޝަން ތިއޭޓަރފަދަ ތަންތާގައި މަސައްކަތްކުރަންޖެހޭ ޑޮކްޓަރުންނާއި ސްޓާފުންނަށް ރޭޑިއޭޝަންގެ އަސަރުކުރާ މިންވަރު ދެނެގަތުމަށްޓަކައި ޚާއްސަބެޖެއް މިއަދު ތައާރަފް ކުރެވިފައިވެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަރސަނަލް ރޭޑިއޭޝަން މޮނީޓަރިންގ ބެޖް ތަޢާރަފުކޮށް، ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ފެށި ފުރަތަމަ ފަހަރުކަމަށެވެ.

އައީޖީއެމް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިބެޖް ތަޢާރަފްކޮށް މުވައްޒަފުންނަށް އަރުވާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމެވެ. މި ބެޖުގެ ސަބަބުން ރޭޑިއޭޝަނާއި ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ރޭޑިއޭޝަނަށް ހުށައެޅޭ މިންވަރު ދެނެގަނެ އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދާނެކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މިރަސްމިއްޔާތުގައި އައިޖީއެމް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށްވަނީ ބެޖު ޙަވާލުކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމު ވިދާޅުވީ މުވައްޒަފުންގެ ރައްކާތެރިކަމަކީ ހޮސްޕިޓަލުގެ މެނޭޖުމަންޓުން އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމުގައެވެ. އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ރައްކާތެރި އަމާން މާޙައުލެއްގައި މުވައްޒަފުން މަސައްކަތްކުރާކަން ކަށަވަރުކުރެވިގެންކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ.އާމިނަތު ނަޒީރު ވަނީ ހަށިގަނޑަށް ގެއްލުންވާ ވިހަ މާއްދާތަކަށް މުވައްޒަފުން ހުށައެޅޭ މިންވަރު ދެނެގަނެ ރައްކާތެރި މާޙައުލެއް ބިނާކުރުމަށް އައިޖީއެމްއެޗުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އައިޖީއެމްއެޗުން އެހޮސްޕިޓަލުގެ މުވައްޒަފުންނަށް ދީފައިވާ ބެޖުގައި ރޭޑިއޭޝަން ހަށިގަނޑަށް އެތެރެވާ މިންވަރު ދެނެގަނެވޭނެ ޚާއްސަ ޗިޕެއްވަނީ ހަރުކޮށްފައެވެ. މީގެ ސަބަބުން ހަށިގަނޑަށް ރޭޑިއޭޝަން އެތެރެވާ މިންވަރު ދެނެގަނެވި ނުރައްކާ މިންވަރަކަށް ރޭޑިއޭޝަން އެތެރެވާނަމަ އެމިންވަރު މަދުކުރުމަށް ފިޔަވަޅުތައް އެޅިގެންދާނެއެވެ. މިބެޖުގައި ހަރުކުރެވިފައިވާ ޗިޕު ކޮންމެ ދެމަހަކުން އެއްމަހު މޮނީޓަރ ކުރުމަށްވަނީ ނިންމާފައެވެ. އައިޖީއެމްއެޗުން ބުނީ ރޭޑިއޭޝަނަށް ހުށައެޅޭނެ އެންމެ ރައްކާތެރި މިންވަރެއް މިޗިޕުގައި ހިމެނިފައިވާކަމަށެވެ.