ދޫނިދޫ ޖަލުގައި ޤައިދީން ބައިތިއްބާ ބައެއްބައިތައް ބޭނުން ނުކުރަން ނިންމައި އެތަންތަން ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ޖަލުތަކުގެ ޙާލަތު ބަދަލުކުރުމައްޓަކައި އެތަންތަނުގެ ޢިމާރާތްތަކަށް ބޮޑެތި ބަދަލުތައް ގެންނަންޖެހޭކަމަށެވެ. އެގޮތުން ދޫނިދޫގައި ހުންނަ ބައެއް ކަސްޓޯޑިއަލް ފެސިލިޓީތައް ބޭނުންނުކުރާތަންތަނުގެ ގޮތުގައި ނިންމައި އެތަން ތަޅާލުމުގެ މަސައްކަތް ފެށުމަކީ އުފަލެއްކަމަށްމިނިސްޓަރ އިމްރާނު ވިދާޅުވިއެވެ.
ޖަލުގެ ބައިތައް ތަޅާލުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ދޫނިދޫއަކީ ތަޙްޤީގު މަރުހަލާއާއި، ޝަރީއަތުގެ މަރުހަލާ ކުރިއަށްދާއިރު ފުލުހުންގެ ބެލުމުގައި ދަށުން ތުހުމަތުކުރެވޭ މީހުން ބަލެހައްޓުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ މަރުކަޒެެވެ.
ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމައްޓަކައި ސަރުކާރުން ޚާއްސަކޮށް ހޯމް މިނިސްޓަރުގެ އިސްނެންގެވުމަށް ޚާއްސަ މަސައްކަތްތަކެއްދަނީ ކުރައްވަމުންނެވެ. އެގޮތުން ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓްގެ ނަމުގައި ކޮމިޝަނެއް އުފައްދަވައި ޖަލުތަކުގެ އޮޑިޓް ރިޕޯޓްއެއްވަނީ އެކުލަވާލައި އާންމުކުރައްވާފައެވެ. އަދި އދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖޭގެ ޖަލުތަކުގައި ބޮޑެތި ގިނަ މައްސަލަތަކެއް އެބަހުރިކަމަށާއި ޖަލުތަކުގެ ހާލަތު ރަގަޅުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ރެޕެޓުއަރ ނިލްޒް މެލްޒަރ މިދިޔަ އާދިއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.