މިއަހަރުގެ މޭމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް 703.7 މިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.މިއަދަދަކީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު %65 އިތުރު އަދަދެކެވެ.މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ އިޤްތިޞާދީ ރިވިއު ރިޕޯޓްގައިވާ ގޮތުން ފާއިތުވި މޭ މަސް ނިމުނު އިރު ރަސްމީ ރިޒަރވްގެ ތެރެއިން ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 229.7 މިލިއަން ޑޮލަރެެ. މި އަދަދަކީ މަހުން މަހަށް ބަލާއިރު %12 އިތުރު އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު %41 އިތުރު އަދަދެއް ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.ޔޫޒަބަލް ރިޒަރވަކީ ބޭރު ފައިސާގެ އެކިއެކި މުޢާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރަން ހުންނަ ފައިސާއެވެ.މިއަހަރުގެ މޭ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ހުރި މިންވަރުން ފުދެނީ 4 މަހުގެ އިމްޕޯޓަށެވެ.މަހުން މަހަށް ބަލާއިރުވެސް އަދި އަހަރުން އަހަރަށް ބަލާއިރުވެސް މި އަދަދު އިތުރުވެފައިވާ ކަމަށް އެމްއެމްއިން ބުނެއެވެ.ރަސްމީ ރިޒާވް އިތުރުވެފައިވާކަން ސެންޓްރަލް ބޭންކުން ހާމަކުރިއިރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން މައްޗަށް ޖެހޭނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުންވަނީ ލަފާކޮށްފައެވެ.