ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި މިއަދު ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ފަސްކޮށްދޭން އެމަނިކުފާނުގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
ރައީސް ޔާމިންގެ މައްސަލައިގައި ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި ހަމަޖައްސާފައިވަނީ މިއަދު މެންދުރު ފަހު 13.30ގައިއެވެ. ނަމަވެސް ހުކުމް ކުރުން ފަސްކޮށްދޭން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ވަކީލުން އެދިވަޑައިގެންނެވީ ރައީސް ޔާމިންގެ މައްސަލަ ބެއްލެވުމަށް ފަހުން އެކުލަވާލި ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޟީ އަލީ ރަޝީދާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާތީ ކަމަށް ރައީސް ޔާމިންގެ ވަކީލުން ވިދާޅުވިއެވެ.
ގާޟީ އަލީ ރަޝީދުގެ ޓީވީ އަކަށް އިންޓަވިއުއެއް ދެއްވި ކަމަށް ވިދާޅުވެ ރައީސް ޔާމިންގެ ވެސް ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ފަސް ގާޟީންގެ ބެންޗުން ބައްލަވާ އެ މައްސަލައިގައި އެ ބެންޗުން ނިންމެވީ ގާޟީ އަލީ ރަޝީދަށް މައްސަލަ ނުބެލެއްވެވޭނެ ހާލަތެއް ދިމާވެފައިނުވާކަމަށެވެ. އަދި ގާޟީ އަލީ ރަޝީދުވެސް ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ފަދަ އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ޔާމިންގެ މައްސަލަ ފުރަތަމަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްސަލައިގައި ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް، ޙައިލަމްގެ މައްސަލައެއް ފެންމަތިވުމުން ޖޭއެސްސީ އިން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.
ވަގުތީ ގޮތުން އެ ކޯޓު ހިންގަން ހަވާލުކުރެއްވި ގާޟީ އަލީ ރަޝީދު އެ މައްސަލަ ބެއްލެވުމަށް ފަސް ގާޟީ ހިމެނޭ ބެންޗެއް އެކުލަވާލުމުން އެ ބެންޗުން ނިންމެވީ މައްސަލަ ނިމިފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށެވެ. އެހެންވެ މިއަދު އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.