ޚަބަރު

ރައީސް ޔާމީނަށް 5 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް!


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުއްވީ އެމައްސަލަ ބެއްލެވި 5 ގާޟީންގެ އިއްތިފާގުންނެވެ. އަދަބާގުޅޭގޮތުން ދައުލަތުން ވިދާޅުވީ މިއީ އެކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ 5 އަހަރުގެ ޖަލު ހުކުމް އަންނަން ޖެހޭކަމަށެވެ. އަދި ޖޫރިމަނާ ކުރަން ޖެހޭނީ މަނީލޯންޑަރިން ކުރި އަދަދަށްވުރެ 5 ގުނަ އިތުރުނުވާނެ ޢަދަދުކަން ފާހަގަ ކުރެއްވިއެވެ.

ހުކުމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިނަމަވެސް އިތުރު ވާހަކަ ދެއްކެވުމަށް ފުރުސަތު ޝަރީޢަތުން ނުދެއްވައެވެ. އެމަނިކުފާނުގެ ވަކީލުން ވަނީ ޖޫރިމަނާގެ ޢަދަދު ކުޑަވާން ޖެހޭނެ ކަން ފާހަގަ ކުރައްވާފައެވެ. ރައީސް ޔާމިންގެ މައްޗަށް އަދަބު ކަނޑައެޅުއްވީ ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިޢާޔަތްކުރައްވައި ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ހުކުމުގައި ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ފުރިހަމަވާން ޖެހޭ ދެ އުންސުރުވެސް ފުރިހަމަވެފައިވާކަން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވެއެވެ. އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް ރައީސް ޔާމިނަށް މެދުވެރިވިކަން ހެކިންގެ ހެކިބަސްހުންނާއި ކިތާބީ ހެކީގެ އަލީގައި އެނގޭ ކަމަށް މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރޭގައި އަލީ ރަޝީދު ފާހަގަ ކުރެއްވިއެވެ.

އެފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާކަމަށް ރައީސް ޔާމީނަށްވެސް ޝައްކު ކުރެވޭކަން ސާފުކޮށް އެގެން އޮންނަ ކަމާއި އެފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރޭވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން އާދައިގެ ވިސްނުމެއްގެ އިންސާނެއްގެ ވިސްނުމުން ވިސްނާލުމުން ވެސް އެނގިހާމަވާ ކަމަށް ގާޟީ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ، ޙާލަތެއް ރައީސް ޔާމިނަށް މެދުވެރިވިކަން އެނގޭ ބައެއް ކަންކަމުގެ ތެރޭގައި:

  • 1 - ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް އެސްއޯ.އެފްއިން ޖަމާކުރި އެއްމިލިއަން ޑޮލަރަކީ ކޮންގޮތަކުން ޖަމާވި ފައިސާކަމާއި އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެފައިސާ ދައުލަތަށް ދިނުންކަމަށް ޔާމީނަށް އެންގިކަމަށް, އޭރު އޭސީސީގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު ހެކިބަސްދެއްވަމުން ވިދާޅުވެފައިވުން
  • 2 - އއ.ވޮޑަމުލާގެ "ލިސް އެކުއިޒިޝަން ފީ"ގެ ގޮތުގައި ދެއްކި އެއްމިލިއަން ޑޮލަރު އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވަނީ 11 އޮކްޓޯބަރ 2015 ގައި ކަމާއި، އެސް އޯ.އެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް ދެ ޕޭމަންޓަކުން އެއްމިލިއަން ޑޮލަރު ޖަމާވެފައިވަނީ އޭގެ އެއްދުވަސްފަހުން، 13 އޮކްޓޯބަރ 2015ވަނަ ދުވަހާއި އަދި 15 އޮކްޓޯބަރ 2015ވަނަ ދުވަހުކަން ކިތާބީ ހެކިތަކުން އެގެން އޮތުން
  • 3 - ގއ.ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ޔާމީންގެ ފަރާތުން ގުޅިކަމަށް ޢަބްދުﷲ ޒިޔަތު ހެކިބަސް ދެމުން ވިދާޅުވެފައިވުން.
  • 4 - އެމްއެމްޕީއާރުސީއަށް ލިބޭ ޗެކުތައް ޕްރައިވެޓް ކުންފުނިތަކަށް ޖަމާކޮށް އެފައިސާ މާރުކޮށްގެން އެފައިސާ ޔާމީނާ ޙަވާލުކޮށްފައި ހުންނާނެކަމަށާ، އެފައިސާ ޔާމީން ވިދާޅުވެގެން އެހެން ތަންތަނަށްވެސް ގެންގޮސްފައި ހުންނާނެކަމަށާ، ގއ.ވޮޑަމުލާގެ އެއްބަސްވުމުގައި ސޮއިކުރަން ޔާމީން އެންގެވިކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަމާއި، އަދި "އިކުއިޒިޝަން ކޮސްޓް" ނުލިބިގެން ލަސްވެގެންވެސް ޔާމީން ގުޅާފައިވާކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހެކިބަސްދެމުން ވިދާޅުވެފައިވުން.
  • 5 - ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޙަވާލުގައިހުރި ކެމްޕެއިން ފައިސާ ކަމަށް ޔާމީންގެ ފަރާތުން ވިދާޅުވެފައި ވިޔަސް، އަމިއްލައަށް މަންފާ ހޯދުމުގެ ނިޔަތުގައި އެފައިސާއިން މަންފާ ލިބޭ ގޮތަށް އިންވެސްޓްކުރުމުގެ މާނައެއް ނެތްކަމާއި، ޕާޓީއަށް ލިބޭ ފައިސާ ޖަމާކުރަން ޖެހެނީ ޕާޓީގެ އެކައުންޓަށް ކަމަށް ޤާނޫނު ނަމްބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 40ވަނަ މާއްދާގައި ބަޔާންވެގެންވުން.
  • 6 - އެސް.އޯ.އެފް އިން ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާކަމަށް ބެލެވޭ ކަމަށާ، އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭ ކަމަށާ، އެކަން ތަހްޤީޤުކުރަމުން ދާކަމަށާ، އެންމެ ރަނގަޅު ގޮތަކީ އެފައިސާ ދައުލަތާ ޙަވާލުކުރުން ކަމަށް 21 ފެބްރުއަރީ 2018ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ސިޓީން ރައީސް ޔާމިނަށް އަންގާފައިވުން.
  • 7 - ރައީސް ޔާމީންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަޙަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރުމަށްޓަކައި، ޤާނޫނުގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލަށް، 01 ޖަނަވަރީ 2014އިން 11 ނޮވެންބަރު 2018 މުއްދަތަށް ދަޢުވާލިބޭ ފަރާތުން ތައްޔާރުކޮށް ހުށަހަޅާފައިވާ އަހަރީ ބަޔާނަށް ބަލާއިރު، އެސް.އޯ.އެފްގެ އެކައުންޓުން ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް ޖަމާވިފައިސާއަކީ "އެމް.އެމާ.ޕީ.އާރސީގެ ފައިސާއިން ދިންކަމަށް އަދީބުބުނާ ފައިސާ"ކަމަށް އެބަޔާނުގައި ދަޢުވާލިބޭ ފަރާތުން ބަޔާންކޮށްފައިވުމުން.

ކުށް ސާބިތުވުމުގެ ދެވަނަ އުންސުރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއްގައި އެފައިސާ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުން ނުވަތަ އެފައިސާގެ އަޞްލު އޮޅުވާލުމެވެ.

އެފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް 26 މާރޗް 2018ގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޔާމީނާދެމެދު އެއްބަސްވެފައިވެއެވެ. އެފައިސާ އެމް.އައި.ބީގައި އޮންނަ ޔާމީންގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓުގައި ބަހައްޓައިގެން އެއިން މަންފާ ނަގައި ބޭނުންކުރަމުން ދިޔުން ހުއްޓާނުލައި، ޔާމީން އެހެން މީހަކު އަތުން ހޯދި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އޮޅުވާލާފައިވާތީ، ކުށުގެ ޢަމަލުގެ ދެވަނަ އުންޞުރު ވެސް ފުރިހަމަވާކަން ފާހަގަކުރެވޭކަމަށް ގާޟީ ވިދާޅުވިއެވެ.

އަދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔަތަކީ ދަޢުވާލިބޭ ފަރާތުގެ ވެރިކަމުގައި ވަޒީފާއިން ވަކިކޮށް އަދަބު ލިބިފައިވާ ބައެއްކަމަށާ، އެދެމީހުންނަކީ އެމް.އެމް.ޕީ.އާރުސީގެ މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ކަމަށްވާތީ، އެދެމީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭނެކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމަށްވެސް މައްސަލަ ނިންމުމުގައި ގާޟީން ރައްދު ދެއްވާފައިވެއެވެ. އަދީބާއި ޒިޔަތާމެދު ޔާމީން ފާހަގަކުރެއްވި ކަންކަން އެހެންހުރުމުން އެމީހުންގެ ހެކިބަހުގައި ޝައްކުތަކެއް އުފެދޭކަމާއި، އެހެން ނަމަވެސް އެމީހުންގެ ބަހަށް ބާރުދޭނެ ޝަފަވީ ހެއްކަކާއި، ކިތާބީ ގިނަހެކިތަކެއް ހުރުމުން އެޝައްކު ކުޑަކޮށްދޭ ކަމާއި، އެމީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭނީ ހަމައެކަނި އެދެމީހުންގެ ހެކިބަހުގެ މައްޗަށް ކަމެއް ނިންމުމުގައިކަން ސުޕްރީމް ކޯޓުގެ ޤަޟިއްޔާ އަކުން އެގެން އޮތްކަމަށް ޤާޟީވަނީ ފާހަގަ ކުރައްވާފައެވެ.

"
"އެމްއެމްޕީއާރުސީގެ ފައިސާ ދައްކަން ޙުކުމްކޮށްފައި އޮތުމުން، އެސް.އޯ.އެފަކީ ޙަލާލު ގޮތުގައި ވިޔަފާރި ކުރަމުންދިޔަ ކުންފުންޏެއްކަމަށާ، ދަޢުވާގައި އެބުނާ އެއްމިލިއަން ޑޮލަރު އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވިއިރު އެއެކައުންޓުގައި ފައިސާ ހުރި ކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު، ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި އަދި ބިންތައް ކުއްޔަށް ދީގެންނާއި އަދި އެނޫން ވެސް ގޮތްގޮތުން އެމް.އެމް.ޕީ.އާރ.ސީ އަށް ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ޖުމްލަ 73.07 މިލިއަން ޑޮލަރު އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވި ކަމާއި، އޭގެ ތެރޭގައި ގދ.ވޮޑަމުލާގެ އެކުއިޒިޝަން ފީގެ ގޮތުގައި ދެއްކި އެއްމިލިއަން ޑޮލަރު ވެސް ހިމެނޭކަމާއި، އެފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތާ އެއްދުވަސް ފަހުން ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް އެފައިސާ ޖަމާވެފައިވާ ކަމާއި، އެފައިސާ ނުލިބިގެން ދައުވާ ލިބޭ ފަރާތުން ގުޅާހެދިކަން ދައުލަތުން ހުށައެޅި ހެކިތަކުން އެގެން އޮތުމާއިއެކު، ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް އެސްއޯ.އެފްގެ އެކައުންޓުން ޖަމާވި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސް ކަމަށް ޝައްކުކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ޤަބޫލު ކުރެވޭ"
ޝަރީޢަތަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރޭގައި ހިމެނޭ

މައްސަލާގައި ހިމެނޭ މުހިންމު ތާރީޚުތައް

  • ކްރިމިނަލް ކޯޓުގެ މައްސަލަ ބަލާ ސެކްޝަނަށް މިމައްސަލަ ލިބިފައިވަނީ 14 ފެބްރުއަރީ 2019 ގައި
  • ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުކޮށް މައްސަލައިގެ ލިޔުންތައް ޙަވާލުކޮށްފައިވަނީ 17 ފެބްރުއަރީ 2019 ވަނަ ދުވަހު
  • މައްސަލައިގެ އިބްތިދާއީ މައްސަލާގެ ފުރަތަމަ އަޑު އެހުން 18 ފެބްރުއަރީ 2010 ގައި ބޭއްވި
  • ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާ ހުށައަޅާފައިވަނީ 25 އެޕްރީލް 2019 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ދައުލަތުން ވަނީ 8 މީހެއްގެ ނަން ހެކިންގެ ގޮތުގައި ކޯޓަށް ހުށައަޅުއްވާފައެވެ. އަދި ރައީސް ޔާމީން ދަޢުވާއިން ދިފާއުވެވަޑައިގަތުމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ ނަން ހެއްކަކަށް ހުށައެޅުއްވިއެވެ.

ނަމަވެސް އަޒީމާ އާއި ދައުލަތުން ހެއްކެތްގެ ގޮތުގައި ހުށައެޅުއްވި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކިބަސް ދެއްވުމަށް އުޒުރުވެވަޑައިގަތުމުން އެމީހުންގެ ހެކިބަސް ކޯޓުން ނަގާފައިނުވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ ހެކިން

  • 1 އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީ
  • 2 އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު
  • 3 ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު
  • 4 އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު
  • 5 ރައީސް ޔާމިންގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • 6 މުޙައްމަދު ވަސީމް އިސްމާޢީލް
  • 7 ކ.މާލެ / މއ.ދިރާސާގެ މުޙައްމަދު ލުވައިޒު،
  • 8 ކ.މާލެ / މއ.އިފާއި، މުޙައްމަދު ޝަރީފް

ރައީސް ޔާމިންގެ މައްޗަށް ކުށް ސާބިތުކުރުމަށް ކިތާބީ ހެކީގެ ގޮތުގައި 15 ހެއްކެއް ދައުލަތުން ހުށަހެޅުއްވިއެވެ. އަދި ރައީސް ޔާމިންގެ ފަރާތުން ކިތާބީ ދެ ހެކި ހުށައެޅުއްވިއެވެ.

އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން އެސްއޯ.އެފްގެ މައްޗަށް ދަޢުވާކޮށް ސިވިލްކޯޓުން ބަލާފައިވާ ގަޟިއްޔާގެ ޙުކުމަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ނޫސްބަޔާނެކެވެ.

އެސްއޯއެފް ކުންފުނީގެ އިސް ދެ މީހެއް ކަމަށްވާ މުޙައްމަދު އައްލާމް ލަތީފްއާއި، އައްމަދު އިޝްފާޙް ޢަލީ ހެކިންގެ ގޮތުގައި ފަހުން ހުށައެޅި ނަމަވެސް އެއީ ކުރިން ހުށައެޅިފައިވާ ދެހެކިންނަށް ނުވާތީ ޝަރީޢަތުންވަނީ މިދެހެކިން ބަލައި ނުގަންނަން ނިންމާފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ބައެއް ހެކިތައް

  • 1 - ރައީސް ޔާމިން 08 ޖެނުއަރީ 2018 ދުވަހު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާން
  • 2 - ދަޢުވާލިބޭ ފަރާތުން 07 ފެބްރުއަރީ 2017 ވަނަ ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން
  • 3 - އެންޓިކޮރަޕްޝަން ކޮލިޝަނާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ ފައިސާ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ވެވޭ އެއްބަސްވުމުގެ ނަމުގައި ވެފައިވާ އެއްބަސްވުން.
  • 4 - ދަފްތަރު ނަންބަރު 1829 މުޙައްމަދު ވަސީމް އިސްމާޢީލްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އެކައުންޓްގެ ސްޓޭޓްމަންޓާއި އެއެކައުންޓްގެ ޗެކް ޖަމާކުރިކަމުގެ ލިޔުންތައް
  • 5 - މޫސާ ޒަމީރުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އެކައުންޓެއްގެ ސްޓޭޓްމަންޓްތަކާއި އެކައުންޓްގެ ނަންބަރު 000028 ޗެކާއި ޗެކް ޖަމާކުރި ކަމުގެ ލިޔުންތައް،
  • 6 - ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ނަމުގައި އެސްކްރޯ އެކައުންޓެއް ހުޅުވުމުގައި ކަންހިނގައި ދިޔަ ގޮތުގެ ރިޕޯޓް
  • 7 - އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކުރި އެމް.އެމް.ޕީ.އާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓް
  • 8 - ގއ.ވޮޑަމުލާ ކުއްޔަށް ދިނުމަށް އެމް.އެމް.ޕީ.އާރުސީން ވެފައިވާ އެއްބަސްވުމާއި އެއްބަސްވުމާ ގުޅޭ ލިޔުންތައް
  • 9 - އެސް.އޯ.އެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 7701701832002 އެކައުންޓްގެ އެކައުންޓް ސްޓޭޓްމަންޓް
  • 10 - ޤާނޫނުގައި ވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލްއަށް މިލްކިއްޔާތުގައިވާ ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޔާ ދަރަނި ހާމަ ކުރުމަށްޓަކައި 01 ޖަނަވަރީ 2014 އިން 11 ނޮވެމްބަރު 2018 ގެ މުއްދަތަށް ތައްޔާރުކޮށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ މާލީ ބަޔާން
  • 11 - ރައީސް ޔާމިންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ އެކައުންޓް ސްޓޭޓްމަންޓާއި ރައީސް ޔާމިންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ އެކައުންޓްތަކުގެ އެކައުންޓް ސްޓޭޓްމަންޓްތައް

ޙުކުމުގެ ތެރެއިން ...

"ދެންފަހެ، ދައުލަތުން މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ މަނީލޯންޑްރިންގގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފްމޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުން، ދަޢުވާލިބޭ ފަރާތުގެ ނަމުގައި މޯލްޑިވްސްއިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 20010002200019901 ޔޫއެސް ޑޮލަރ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖުމްލަ 1000000 (އެއްމިލިއަން، އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަމާއި، ދަޢުވާލިބޭ ފަރާތުން އެފައިސާ، ދަޢުވާލިބޭ ފަރާތުގެ ދަޅު ގައި އިސްލާމީކް ބޭންކްގައި ހުޅުވާފައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޓްރާންސްފަރކޮށް، 36 (ތިރީސްހައެއް) މަސްދުވަހުގެ މުއްދަތަށް އެފައިސާ އިންވެސްޓް ކޮށްފައިވާކަމާއި، އެފައިސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ފައިސާކަމަށްވާތީ، މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެފައިސާ ބެހެއްޓުމަށް އެއްބަސްވެ، އެފައިސާ އިންވެސްޓްކޮށްގެން ނަގަމުން ދިޔަ މަންފާ ނެގުން ހުއްޓާނުލައި، އެހެން ގޮތަކުން ހޯދި 1000000 (އެއްމިލިއަން) ޑޮލަރު
އެސްކްރޯ އެކައުންޓަށް ދަޢުވާލިބޭ ފަރާތުން ޖަމާކުރިކަމާއި، ވަކި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެގިފައިވުން ނުވަތަ އެފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުންނަ ޙާލަތުގައި އެފައިސާ އަތުގައި ބެހެއްޓުމާއި، އެފައިސާ އޮޅުވާލުމާއި، އެފައިސާއިން މަންފާ ހޯދުމުގެ ޢަމަލަކީ މަނީލޯންޑްރިންގ ގެ ކުށުގެ
ޢަމަލު ކަމަށްވާއިރު، ދަޢުވާލިބޭ ފަރާތުން މިޢަމަލު ހިންގާފައިވާކަން ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާތީ، މަނީލޯންޑްރިންގ ގެ ޢަމަލެއް ހިންގުމުގެ ކުށުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށްފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ހ) ގެ ދަށުން މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫލް 05 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 5000000 (ފަސްމިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، މިފައިސް މިއަދުންފެށިގެން 06 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑްރެވެނިއު އޮތޯރިޓީއަށް ދެކުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އަންގައި، މިމައްސަލަ ބެލި 5 ޤާޟީންގެ އިއްތިފާޤުން ހުކުމް ކޮށްފީމެވެ."