ޓާގެޓަކީ ސްރީ ލަންކާ ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުންކަމަށް ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު އަޙްމަދު އަދީލް ބުނެފިއެވެ.
ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅަ އިވެންޓުގެ އަންހެން ބައިން ޕާކިސްތާން ވަކިވުމާއެކު ގްރޫޕް ބީގައި ދެން ހިމެނޭ ސްރީ ލަންކާއާއި ދިވެހިރާއްޖެއަށް ވަނީ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ކަނޑައަޅާނީ ދިވެހިރާއްޖެ އާއި ސްރީ ލަންކާ މާދަމާ ކުޅޭ މެޗަށް ފަހުއެވެ.
ސްރީ ލަންކާއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަޙްމަދު އަދީލް ބުނީ، މާދަމާގެ މެޗުގައި ލަންކާއަށް އެންމެ ތަންކޮޅެއްވެސް ދޫނުދޭނެކަމަށާއި، ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުން ކަމަށެއެވެ. އަދީލް ބުނީ ލަންކާ ބަލިކުރެވޭވަރުގެ ފެންވަރު ދިވެހި ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށާއި، ޓީމުގެ ފެންވަރުވެސް މިހާރު މަތިވަމުން އަންނަކަމަށެއެވެ.
މިމަހު ބަނގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުން ރިހި މެޑަލް ހޯދާފައިވުމުން ކުޅުންތެރިންނާއިމެދު އިތުބާރު އޮތްކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.
" ދެން ލަންކާ ވެގެން ދުލެއް ނުދޭނަން. ހަމަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާން މަސައްކަތް ކުރާނެން. ދެން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގޮސްފިނަމަ އިންޑިއާއާ މި ޖެހެނީ. އިންޑިއާއަކީ ވަރަށް ތަފާތު ޓީމެއް." އަދީލް ބުންޏެވެ.
ސައުތު އޭޝިއަން ގޭމްސްއަށް ނޭޕާލަށް ޤައުމީ އަންހެން ވޮލީ ޓީމު އައިސްފައި މި ވަނީ ސްރީ ލަންކާގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަ ކުރުމަށްފަހުއެވެ.