ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާއި، އެމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.މި ވާހަކަ ލިޔުމުގެ މުބާރާތަކީ ފުރާވަރު އުމުރުގެ ކުދީންނަށް އަމާޒު ކޮށްގެން، ކުދިން ޝައުޤުވެރިވާ ގޮތަށް، އިސްލާމީ ރިވެތި އަޚްލާގާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތެކެވެ.މި މުބާރާތަށް ހުށަހަޅާ ވާހަކަތައް ބިނާކުރެވޭ މައިގަނޑު ދާއިރާތަކުގެތެރޭގައި، މައިންބަފައިންނަށް ކަމޭ ހިތުމާއި، މުދައްރިސުންނަށް އިޙްތިރާމް ކުރުމާއި، އަމުރުވެރިންނަށް ކިޔަމަންވުމާއި، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި، އަވަށްޓެރިންނަށް އިޙްތިރާމް ކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، މަގުމަތީގެ އަދަބުތަކުގައި ހިފެހެއްޓުން ފަދަ ކަންކަން އެނގި ދަސްވުމާއި ކީރިތި ރަސޫލާގެ ސީރަތުންނާއި އަޞްޙާބުންނާއި ތާބިޢީން ފަދަ ބޭބޭކަލުންގެ ދިރިއުޅުއްވުމުން ލިބެންޖެހޭ ޢިބްރަތްތެރިކަން ލިބިގަތުން ހިމެނޭނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.މި މުބާރާތުން އެއް ވަނަ ހޯދާ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މި އިނާމު ލިބޭނީ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މިދާއިރާއިންނެވެ.މީގެ އިތުރުން މި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ދިހަހާސް ރުފިޔާ ، ދެވަނަ އަށް ހަތްހާސް ފަސްސަތޭކަ ރުފިޔާ އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް ފަސްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވަނަ ތަކުގެ އިތުރުން އެންމެ ގިނަ މާކުސް ލިބޭ ފަސް ވާހަކަ ހުށަހެޅި ކޮންމެ ފަރާތަކަށްް ތިން ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރ މަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގެ ޤަވާޢިދާއި ފޯމް އިސްމާލިމް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.