ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ރާއްޖެ ކޮންޓިންޖެންޓްގެ ދިދަ އުފުލުމުގެ ޝަރަފު ހައްވައަށް


ނޭޕާލުގައި މިއަދު ހަވީރު ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމީޔާތުގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ ދިދަ އުފުލާ އެތުލީޓްގެ ޝަރަފު އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ހައްވާ ރާޝިދާއަށް ލިބިއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ދާޝްރާތު ސްޓޭޑިއަމްގައި ރަސްމީކޮށް ގޭމްސް ފެށުމަށް މިއަދު ބާއްވާ ޙާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާ އެތުލީޓް ހައްވައަށް ޤައުމީ ދިދަ ހަވާލުކޮށްދެއްވީ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގެވެ.

ހައްވައަށް ދިދަ ހަވާލުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަމުން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް ވިދާޅުވީ، ރާއްޖެ ކޮންޓިންޖެންޓްގެ ދިދަ ހައްވަ އާއި ހަވާލު ކުރީ ހައްވައަކީ އަންހެން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއަކަށްވެފައި، އަހަރަކަށް ފަހު އަހަރެއް ކާމިޔާބީ އަށް ވާސިލުވަމުން އައި ކުޅުންތެރިއަކަށް ވުމުން ކަމަށެވެ.

ދިދައާ ހަވާލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ހައްވަ ބުނީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލަން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މިއީ ވޮލީ ކެރިޔަރުގައި އޭނަ އަށް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ. ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައިދިން ޓީމުގެ ކެޕްޓަންކަންވެސް ކުރި ހައްވަ ބުނީ ވޮލީން ކުރިޔަށްދާން މިއީ ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި މި ކާމިޔާބީގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހިއްސާ އޮތްކަމަށެވެ.

" ވޮލީގައި ކުރިޔަށްދާން ބަލާއިރު މި ލިބުނީ ވަރަށް ބޮޑު ހިތްވަރެއް. ވަރަށް މަސައްކަތުން މިހިސާބަށް މި އާދެވުނީވެސް. މި ކާމިޔާބީގައި ކުޅުންތެރިންގެ ޙިއްސާ ވަރަށް ބޮޑު." ހައްވަ ބުންޏެވެ.

އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލައިދިން އެތްލީޓަކީ ފިރިހެނުންގެ ޤައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު އިޝާން (ބަޓިސް) އެވެ. އަދި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ދިދަ އުފުލައިދިން އެތްލީޓަކީ ބާސްކެޓް ކުޅުންތެރިޔާ އަޙްމަދު ޒަބީރެވެ.