ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ކްރިކެޓް އިވެންޓްގައި މިއަދު ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓިމާއި ސްރީ ލަންކާގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމު ބައްދަލުކުރި މެޗު ލަންކާއިން ކާމިޔާބުކޮށްފިއެވެ.
ކަތުމަންޑޫގެ ޓީޔޫ ކްރިކެޓް ގްރައުންޑުގައި ކުޅުނު މި މެޗު ސްރީލަންކާ ކާމިޔާބުކުރީ 98 ލަނޑުންނެވެ. މި މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ރާއްޖޭން ނިންމީ ހޮވުމަށެވެ. އެގޮތުން ފުރަތަމަ އިނިންގްސްގައި ސްރީ ލަންކާއިން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 192 ލަނޑެއެވެ.
މެޗުގައި ލަންކާއިން އެންމެ ރަނގަޅަށް ކުޅުނީ މެންޑިސްއެވެ. އޭނާ ވަނީ ނުބައިނުވެ ލަންކާ ޓީމަށް 102 ލަނޑު ހަދާފައެވެ.
ޖަވާބުގައި ދިވެހި ޓީމުން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި މުޙައްމަދު ރިޝްވާން އާއި 12 ލަނޑު ހެދި މުޙައްމަދު އައްޒާމް އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގާޅާއި ވާދަކޮށް ވަނީ ބަލިވެފައެވެ. މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާއެވެ. މި މެޗު ކުޅޭނީ މާދަމާ ރާއްޖެގަޑިން 12:15 ގައެވެ.