ޕީޕީއެމް އާއި އެޕާޓީއާއި ކޯލިޝަން ހަދާފައިވާ ޕީއެންސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި ރައީސް ޞާލިޙް ރައީސް އޮފީހުގައި ބައްދަލު ކުރެއްވީ އެ ބޭފުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރެއްވީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.
ރައީސް ޞާލިހާއި އިދިކޮޅު ފަރާތްތަކުން ބައްދަލު ކުރައްވާފައި މިވަނީ ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށެވެ.
ރައީސް ޞާލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު އާއި އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.