ރިޕޯޓް

އަންހެނުންނަށް ގޮނޑިތަކެއް ޚާއްސަކުރުން ގާނޫނު އަސާސީ އާއި ހިލާފުތަ؟


ސަރުކާރު ހިންގާ މައި ޕާާޓީ،އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮންނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް މި ވަނީ ގެނެސްފައެވެ. އެ ގާނޫނަށް ގެނައުމަށް ފާސްކުރި އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމެވެ. ނަމަވެސް މިއާއެކު ވަނީ ޤާނޫނީ ބަހުސެއް ފެށިފައެވެ. އެއް ބަޔަކު ވަނީ މިއީ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާއެއްކަމަށް ބުނެފައެވެ. އެހެން ނަމަވެސް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މާއްދާ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި ހިލާފެއް ނޫނެވެ.

އަންހެނަކަށް ނޫނީ ވަކި ދާއިރާތަކަށް ކުރިމަތިނުލެވޭނެ ކަމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނާ މީހުންގެ ނަޒަރުގައި ގާނޫނު އަސާސީގެ 17 ވަނަ މާއްދާ (ހ)ގައި ބަޔާން ކުރަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި މިނިކަން ގެއްލިގެން ނުވާނެ ސަބަބުތަކެވެ.

ގާނޫނު އަސާސީގެ 17 ވަނަ މާއްދާ (ހ)ގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް މެ ލިބިގެންވެއެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކުރާ އެެންމެހާ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، "އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ" ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެން ކަމުން އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި އިންތިހާބުތަކުގައި ވޯޓުލުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ވާހަކަ އައިސްފައި ވާއިރު އެ ހައްގު ލިބިދިނުމުގައި ޖިންސުގެ ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުރަވެ އެވެ. އޭގެ ތެރޭގައި ސިޔާސީ އަދި ގާނޫނީ ބޭފުޅުން އެބަ ތިއްބެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ދެކިވަޑައިގަންނަވާ އެއް ބޭފުޅަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމެވެ.

ގާސިމް ވިދާޅުވި ގޮތުގައި އިންތިހާބުގައި ވަކި ދާއިރާތަކަށް ވަކި ޖިންސަކަށް އެކަނި ކުރިމަތިލެވޭނެ ކަމަށް ކަނޑައެޅުމަކީ ވަކި ޖިންސަކަށް ތަފާތު ކުރުމެވެ. އަދި އެގޮތަށް ކަނޑަނޭޅި ނަމަވެސް ކޮންމެ ޖިންސެއްގެ މީހަކަށްވެސް ކޮންމެ ދާއިރާއަކަށްވެސް ވާދަކުރުމުގެ ފުރުޞަތު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައި ވެއެވެ.

ނަމަވެސް އިންތިހާބުތަކުގައި އަންހެނުންނަށް ވަކި ދާއިރާތަކެއް ހާއްސަކޮށްފައި ހުރުމުން ފިރިހެނުންނަށް އެ ދާއިރާތަކަށް ކުރިމަތިނުލެވުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި ޚިލާފުކަމެއް ނޫން ކަމަށް ގާނޫނީ ނަޒަރަކުން ދެކޭ ބޭފުޅުންވެސް ގިނަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާކަން ކުރައްވާފައިވާ އަނީސާ އަހްމަދު ދައްކަ ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) އެވެ. އެ މާއްދާގައި ބުނެފައިވަނީ މުޖްތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް
ކަމުގައެއް ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ގާނޫނީ ވަކީލާ އަދި ޖޭއެސްސީގެ ރައީސާ އަލްއުސްތާޛާ ހިސާން ހުސެއިން ދެކެވަޑައިގަންނަވާ ގޮތުގައި އެ މާއްދާ އާއި ގާނޫނު އަސާސީ އާއި ހިލާފު ކަމަށް ބުނެވޭނެ ޖާގައެއް ނުދެ އެވެ. އެއް ސަބަބެއް ކަމަށް ހިސާން ވިދާޅު ވަނީ މި އިސްލާހަކީ ގާނޫނު އަސާސީގައި ހަމަ ހަމަކަމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެފައި އޮންނަ އޮތުމަށް އަމަލީ ގޮތުން ފުރުސަތު ދިނުމަށް ގެންނަ އިސްލާހަކަށްވުމެވެ.

"ގާނޫނު އަސާސީގައި އެބަ ވޭ ބައެއް މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރަންވާނެ ގޮތާއި އަދަދު ބަޔާންކޮށްފައި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބެހިގެންވާނެ ގޮތާއި އަދަދު ގާނޫނު އަސާސީގައި ބަޔާންކުރޭ . އެހެން ނަމަވެސް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި ނޯވޭ އަދަދެއް ކަނޑައަޅާ ބަޔާންކޮށްފައި، އެކަން އޮތީ ލާމަރުކަޒީ ގާނޫނުން ކަނޑައަޅަން ދޫކޮށްލާފައި،" މަޝްހޫރު ގާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގެ ތެރެއިން އަންހެނުނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހިސާން ދެކިވަޑައިގަންނަވަ އެވެ.

އެ މާއްދާ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ.

"އިޖްތިމާއީ ގޮތުން ފެންވަރުގައި ވަކި ޖިންސަކަށް ހުރި ފުރުސަތުތައް ހަނިކަމަށް ވާނަމަ ފުރުސަތު ހަނި ބައެއްގެ ހައްގު ކަށަވަރު ކުރުމަށް ގާނޫނެއްގައި ލިޔުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްނޫން." ފާއިޒް ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިކަމުގެ ބާބުގެ ރޫހަކީ އިންތިހާބުތަކުގައި އަންހެނުންނާ ފިރިހެނުންނަށް ހަމަ އުސޫލުން ކުރިމަތިލެވި އެ މަގާމުތަކަށް އަންހެނުން ގެނައުމަށް ހުރަސްތަކެއް ހުރިއިރު މި ގާނޫނުގެ ބޭނުމަކީ އެ ފުރުސަތު ހޯދަދިނުން ކަމަށް ގާނޫނީ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ.

އެހެން ކަމުން ގާނޫނަކުން އަންހެނުނަށް ވަކިން ހާއްސަކޮށްފައި ސްލޮޓްތަކެއް ކަނޑައެޅުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަ ކަމުގެ އުސޫލާއި ތަފާތު ނުކުރުމުގެ ހައްގާއި ފުށުއެރުން ހުރި ކަމެއް ނޫންކަމުގައި ގިނަ ވަކީލުން އެއްބަސްވާކަން ފާހަގަ ކުރެވެ އެވެ.