ކުޅިވަރު

ސައުތް އޭޝިއަން ގޭމްސް: ނޭޕާލް އަތުން ބަލިވެ ރާއްޖެ ތިންވަނަ ހޮވާ މެޗަށް


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން ބަލިވެ ދިވެހިރާއްޖެ ތިންވަނަ ހޮވާ މެޗުގައި ބޫޓާންއާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެ ނޭޕާލް އަތުން ބަލިވީ 68 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން ފަހު މެޗުގައި ސްރީ ލަންކާ ބަލިކުރުމަށްފަހުއެވެ. އަދި މިއީ ސައުތް އޭޝިއަން ގޭމްސް ތާރީހުގައި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރި ސެމީ ފައިނަލުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ފަށައިގެން ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ކުއާޓާގައި ނޭޕާލަށް ލީޑް ލިބުނީ އެންމެ 5 ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 19 ޕޮއިންޓް 14 ޕޮއިންޓުންނެވެ.

ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ނޭޕާލްއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ނޭޕާލްއިން ގާތް ގާތުގައި ގިނަ ސްކޯރތަކެއްކުރުމުން، ރާއްޖެއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެގޮތުން މެޗުގެ ދެވަނަ ކުއާޓަރ ނޭޕާލް ނިންމާލީ 35 ޕޮއިންޓް 27 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ހަތަރު ވަނަ ކުއާޓާގައި ރާއްޖޭގެ ކުޅުން ފެނުނީ ފުރަތަމަ ދެ ކުއާޓާއަށް ވުރެއް ދަށްކޮށެވެ. އެގޮތުން 8 ޕޮއިންޓްގެ ލީޑެއްގައި ދެވަނަ ކުއާޓާ ނިންމާލި ނަމަވެސް ތިންވަނަ ކުއާޓާގައި ނޭޕާލްއިން ވަނީ 17 ޕޮއިންޓަށް ލީޑް ފުޅާކޮށްފައެވެ.

މެޗު ހަތަރު ވަނަ ކުއާޓާގެ ފަހު ފަސް މިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމާއި ގާތަށް ޖެހިލާފައެވެ. ނަމަވެސް އެވަގުތު ޕްރެޝަރުގައި ކުޅެމުން ދިޔަ ނޭޕާލްއިން ވަނީ ގާތްގާތުގައި މުހިއްމު ޕޮއިންޓްތަކެއް ހޯދައި ފައިނަލުން ޖާގަ ޔަގީންކޮށްފައެވެ. މި މެޗު ނޭޕާލުން ކާމިޔާބުކުރީ 68 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާއެވެ. އޭނާ ވަނީ މި މެޗުގައި 22 ޕޮއިންޓް ރާއްޖެއަށް ހޯދައިދީފައެވެ. ނޭޕާލްއިން އެންމެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކީ އެޓީމަށް 15 ޕޮއިންޓް ހޯދައިދިން ގުރުންގް އެލީނާއެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ މާދަމާ ހެނދުނު ނިކުންނާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވި ބޫޓާންއާއި ދެކޮޅަށެވެ.