ވިޔަފާރި

ބީއެމްއެލްއިން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި


ބެންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.

ހުޅުމާލޭ ރެނާޓަސް އިތާމުއި ބިލްޑިންގގައި ހުޅުވި ބިޒްނަސް ސެންޓަރަކީ މާލޭ ސަރަހައްދުގައި ހުޅުވުނު ދެވަނަ ބިޒްނަސް ސެންޓަރެވެ. މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ.

ހުޅުމާލޭގައި ހުޅުވި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެއިތުރުން ވިޔަފާރިއާ ގުޅޭ ލަފަޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި އެ ހިދުމަތްތަކަށް އެދި ހުށަހެޅުން ބިޒްނަސް ސެންޓަރުގައި ކުރިއަށްދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާއިރު، ޕަރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބިޒްނަސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތައް ކުރިއަރާ ދަނޑިވަޅެއްގައި މި ތަރައްޤީއާ އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ޚާއްޞަ ބޭންކިންގ ޚިދުމަތްތައް ޤާއިމްކޮށްދިނުމަކީ ބެންކުގެ އަމާޒެއްކަމަށެވެ. އަދި ހުޅުމާލޭގައި ޤާއިމްކުރެވުނު ބިޒްނަސް ސެންޓަރު ވެގެންދާނީ ވިޔަފާރީގެ އެންމެހާ ބޭނުންތަކަށް އެކަށޭނަ އަދި އެކަށޭނަ މާހައުލެއް ޤާއިމްކުރެވިގެންދާނެ ތަނަކަށްކަމަށް ސޯޔާރ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ ބިޒްނަސް ސެންޓަރު ޤާއިމްކުރުމުން ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެންދާނެކަމަށެވެ.

ބީއެމްއެލްއިން މިހާރު ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.