ރިޕޯޓް

މިޔަރުގެ އުނދަގޫ ބޮޑުވެގެން އަންނަ ޝަކުވާތަކަށް ހައްލެއް ގެނެވޭނީ ފަހުގެ ދިރާސާއެއް ހެދިގެން


މިޔަރުގެ އާބާދީ އިތުރުވެގެން އަންނަ ޝަކުވާތަކަށް ހައްލެއް ގެނެވޭނީ ދިރާސާއެއް ހަދައިގެންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ، މިޔަރު އުނދަގޫ ބޮޑުކަމަށް ބުނެ، ގިނަ އަދަދެއްގެ މަސްވެރިން ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބާނާމަހުގެ އެއްބުރި ކާލާފައި ހުންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް މިކަމުގެ ކަންބޮޑުވުން މަސްވެރިން އަންނަނީ ހިއްސާކުރަމުންނެވެ.

ރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މަސްވެރިންގެ ފޯރަމްގައިވެސް މަސްވެރިންގެ ކަންބޮޑުވުންތަކާއި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެތެރޭގައި މިޔަރުގެ އާބާދީއާއިގުޅޭ ދިރާސާ ހުށައަޅައި މަސްވެރިންގެ މެދުގައި މި މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކުތެރޭގައެވެ. 2000 ގެ އަހަރުތަކުގައި މިޔަރުގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދިއުމާއި ގުޅިގެން 2010 ވަނަ އަހަރު މުޅި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ފިޝަރީޒް ކޮމްޕްލަޔަންސް އާދަމް ޒިޔާދު ވިދާޅުވީ، މިޔަރާއި ބެހޭގޮތުން އެންމެ ފަހުން ދިރާސާއެއް ކުރެވިފައި އޮތީ 2010 އިން 2013 އަށެވެ. މިޔަރު މަސްވެރިކަން ފުރަތަމަ މަނާކުރިއިރު ސްޓޮކްގެ ބޭސްލައިންއެއް ހެދިފައި ނެތުމާއި، މި ފަހުން މިޔަރުގެ އާބާދީއަށް އައިސްފައިވާ ބަދަލު ދެނެގަނެވިފައިނެތުމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވީ ކިހާ މިންވަރަކަށްކަން ބުނަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2010 އަކުން 2013 އަށް ހެދިފައި ހުރި ދިރާސާތައް އަޅާކިޔުމަށް މިހާރު ހުރި މައުލޫމާތު އިތުރަށް ދިރާސާ ކުރަމުން އަންނަކަމަށް ޒިޔާދު ވިދާޅުވިއެވެ.

"މިޔަރާއި ބެހޭގޮތުން އެންމެ ފަހުން ކުރެވިފައި އޮތް ދިރާސާއެއް ކުރެވިފައި އޮތީ 2010 އަކުން 2013 އަށް. އެއާއި އަޅާކިޔުމަށް އަޅުގަނޑުމެން މިދަނީ މިހާރު ހުރި މައުލޫމާތުތައް އިތުރު އެނަލައިޒްއެއް ހަދަމުން. ހަޤީގަތުގައި މިޔަރު އިތުރުވެގެންދިޔައީ ކިހާވަރެއްތޯ. އިތުރުވެފަތޯ ހުރިތޯ. ކޮންކޮން ކަހަލަ ބަދަލެއްތޯ އައިސްފައިހުރީ އޭގެ މަރުހަލާގައި އަޅުގަނޑުމެން މިއުޅެނީ. ހަޤީގަތަކީ މިޔަރު މަސްވެރިކަން މަނާކުރެވިގެން ދިޔައިރު ސްޓޮކްގެ ބޭސްލައިންއެއް ނެތް ނެގިފައެއް. އެހެންވީމަ އަޅާކިޔާނެ އެއްޗެއްނެތް" ޒިޔާދު ވިދާޅުވިއެވެ.

މަސްވެރިން ހިފާމަސް މިޔަރު ކާލުމުގެ ގިނަ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދ ޝަކުވާ އަންނާތީ ޙާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މަސްވެރިން ބާނާމަސް މިޔަރު ކާލުމުގެ ކަންކަން އުޅެނީ ކިހާ މިންވަރެއްގައިތޯ ދެނެގަތުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ބޭރުގެ ބައެއް ޔުނިވަރސިޓީތަކާއި ގުޅިގެން ރިސާރޗްތަކެއް ހަދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ ދިމާވުމުގައި ސަބަބުތަކެއް ހުރެދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ހަޤީގަތުގައިވެސް މިޔަރުގެ އާބާދީ އިތުރުވުމާއި، މިޔަރުގެ ކާނާ ކަނޑުގައި މަދުވުންކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.

"މަސްވެރިން ހިފާމަސް މިޔަރު ކާލުމުގެ ކަންތައް ހަމަ ވަރަށް ބޮޑުކޮށް އުޅެނީ. އެހެންވުމާއިއެކު އަޅުގަނޑުމެންވެސް ޚާއްސަ މަސައްކަތްތަކެއް ފަށައިފިން. އެންމެ ބޮޑު ދައްޗަކީ އަޅާކިޔާނެ އެއްވެސް އެއްޗެއް ނެތުން. އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މިހެން ދިމާވާން ދެތިން ސަބަބެއް އުޅެދާނެކަމަށް. އެއްކަމަކީ ހަޤީގަތުގައިވެސް މިޔަރުގެ އާބާދީ އިތުރުވުން. އަނެއްކަމަކީ މިޔަރުގެ ކާނާ ކަނޑުގައި މަދުވެގެންދިއުން. މިއީ މިހާރު މަސައްކަތް ކުރެވޭ 2 ތިއަރީއަކީ." ޒިޔާދު ވިދާޅުވިއެވެ.

މިޔަރުގެ އުނދަގޫ ބޮޑުކަންނެލީގެ މަސްވެރިކަމުގެ އިތުރުން ފަރުމަހުގެ މަސްވެރިކަމަށްވެސް ދިމާވެއެވެ. މިޔަރުގެ އާބާދީ އިތުރުވާނަމަ މަސްވެރިންގެ އާމްދަނީއަށްވެސް އޭގެ ސަބަބުން ގެއްލުންތަކެއް ލިބިގެންދާނެކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ކުރިއާއި އަޅާބަލާއިރު މަސްވެރިންގެ ޝަކުވާ މިހާރު މާގިނައިން ލިބޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިޔަރުގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާއިރު، މި މަސައްކަތުގައި ދޯނިފަހަރަށް އަރައިގެން މިޔަރުގެ ސަބަބުން މަސްވެރިކަމަށް ކުރާ އަސަރު ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިޔަރުގެ އުނދަގޫ ދިމާވީ ކޮން ބާވަތެއްގެ މިޔަރެއްގެ ސަބަބުންތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2003 ވަނަ އަހަރު މިޔަރު މަސްވެރިކަމުގައި ހަރަކާތްތެރިވީ 528 މީހުންނެވެ. 2007 ގައި މިއަދަދު ވަނީ 184 ދަށްވެފައެވެ. މިޔަރު އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 2003 ގައި 14.626 މިލިއަން ރުފިޔާގައި ހުރިއިރު މިއަދަދު 2007 ގައި ވަނީ 3.26 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތުމުގެ ސަބަބުން އޭގެ ފައިދާވެސް ރާއްޖެއަށް ލިބެމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުކުރާ މަހުގެ އަގު ބޭރުގެ މާކެޓްތަކުގައި އުފުލުމާއި، ޝާރކް ސެންކްޗުއަރީއަކަށް ވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭގެ ދަރަޖަ މަތިވެ، ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.