ޚަބަރު

ހުޅުމާލެ ދެފިޔަވަހީގެ ޓާގެޓް އާބާދީ ދެލައްކަ ތިރީސް ހާހަށް


ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫއުގެ ރިވިއުއަށް ފަހު، ހުޅުމާލޭގެ ޓާގެޓް އާބާދީ އަށް ފަންސާހާއި ފަސްދޮޅަހާއި ދެމެދުގެ އަދަދެއްގެ މީހުން މިހާރު އިތުރުވެފައި ވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ މި ފަދަ ބަދަލެއް ގެނެވިފައި މިވަނީ ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި ކޮންސަލްޓަންސީ ދެމުންގެންދާ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަސިޓީގެ ޕްރޮފެސަރ ހޭންގ ގެ ލަފާގެ ވެސް މަތިން ކަމަށެވެ.މާލެއާއި ހުޅުމާލޭގައި 25 ބުރިއާއި ހަމައަށް ޢިމާރާތް އުސްކުރުމުގެ ހުއްދަ ސަރުކާރުން ދިނުމާއި ގުޅިގެން ހުޅުމާލޭގެ ދެފިޔަވަނީގެ ބިން ބޭނުންކުރުމުގެ ޕްލޭންގެ ރިވިއު ހެދުމާއިއެކު ހުޅުމާލޭގެ ދެފިޔަވަހީގެ ޓާގެޓް އާބާދީއަކީ މިހާރު ދެލައްކަ ތިރީސް ހާސް މީހުންނެވެ. ނަމަވެސް ރިވިއުގެ ކުރިން ދެ ފިޔަވަހީގައި އާބާދު ކުރަން ނިންމާފައި ވަނީ އެއް ލައްކަ ފަސްދޮޅަސް ފަސްހާސް މީހުންނެވެ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ވިދާޅުވީ މި ބަދަލު ގެނައީ ދުނިޔޭގެ ކުރިއަރާފައިވާ ސިޓީތަށް ތަރައްޤީ ކުރާގޮތްތަކަށް ވެސް ބަލައިގެން ކަމަށެވެ. މި ގެނެވުނު ބަދަލާއި އެކު އާބާދީއަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތަށްވެސް އިތުރު ކުރެވިގެން ދާނެކަމަށް ސައިމަން ވިދާޅުވިއެވެ.ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ހިއްކުން ނިންމާ ހިއްކި ބިން ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާއިރު، މި މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނެއެވެ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ވިދާޅުވީ ބިންގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތާއި އެކުއެކީ ކުރިއަށް ގެންދާ މަގުހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ބަޔަކާއި ހަވާލުކުރެވޭނެ ކަމަށެވެ.މަގުހެދުމުގެ މަސައްކަތަށް އިސްކަންދޭ ސަބަބަކީ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމުގައި، ޢިޤްތިސާދީ ކަންކަމަށް އިސްކަން ދިނުމާއި، އެންމެ ބޮޑު މަންފާއެއް ލިބޭނެ ޓުއަރިސްޓް ޑިސްޓްރިކްޓް ގެ މަސައްކަތް އަވަސް ކުރުން ކަމަށް ސައިމަން ވިދާޅުވިއެވެ.ކުރީގެ ޓުއަރިސްޓް ރިސޯޓެއް ކަމަށްވާ ކްލަބްމެޑް ވެސް ހިމެނޭގޮތަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައި ވާ 240 ހެކްޓަރުގެ ބިމުގައި ޓުއަޒަމްގެ ބޮޑެތި މަޝްރޫޢު ތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން ބޮޑެތި ކްރޫޒް ޝިޕްތައް ގާތްކުރެވޭގޮތަށް ތައްޔާރުކުރާ ކްރޫޒް ޓާމިނަލާއި ޔޮޓްމެރީނާގެ އިތުރުން ހެރިޓޭޖް އައިލޭންޑް ހިމެނޭގޮތަށް ތަރައްޤީކުރާ ޓުއަރިސްޓް ޑިސްޓްރިކްޓް ފާހަގަކުރެވެއެވެ. ޓުއަރިސްޓް ޑިސްޓްރިކްޓުން އެކަނިވެސް ދިހަ ހާހައި އަށްހާހައި ދެމެދުގެ އަދަދަކަށް އާ ވަޒީފާ އުފެދިގެން ދާނެކަމަށް އެޗްޑީސީން ލަފާކުރެއެވެ.