ކުޅިވަރު

ވެންގާގެ ތާއީދު އާޓެޓާ އަށް


އާސެނަލްގެ ކޯޗުކަމުގެ މަގާމަށް ކުރީގެ މިޑްފީލްޑަރު މައިކަލް އާޓެޓާ އަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ކުލަބުގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވާދަވެރި މެންޗެސްޓާ ސިޓީގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުގައި މިވަގުތުހުރި އާޓެޓާ އަކީ ވެންގާގެ ކޯޗުކަމުގައި 2011އިން 2015 އަށް ކުޅުނު ކުޅުންތެރިއެކެވެ.

އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި ހުސްވެފައިވާ އާސެނަލްގެ ކޯޗުކަމުގެ މަގާމަށް އާޓެޓާ ގެނައުމަށް އެކުލަބުން މިހާރުވަނީ ނިންމާފަ އެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް ނުނިމެނީސް އާސެނަލްއިން އޭނާ ގެންދާނަމަ ދައްކަންޖެހޭ ފީއާމެދު އަދި ވަކި ގޮތެއް ނުނިމެ އެވެ.

"އަހަންނަކީ އާސެނަލްގެ ސަޕޯޓަރެއް. ކޮންމެ މީހަކު ކޯޗަކަށް ހުއްޓަސް އަހަރެންގެ ތާއީދު އޮންނާނެ. މިހާރު ވަގުތީ ގޮތުން އެހުރީ ލިއުންބާގް. އަހަރެންގެ ސަޕޯޓް އޭނާ އަށް އެބައޮތް. އާޓެޓާ ކޯޗަކަށް އަތުވެއްޖެނަމަ އަހަރެން އޭނާ އަށް ތާއީދު ކުރާނަން. އޭނާ އަކީ ކުލަބު ވަރަށް ރަނގަޅަށް އެނގޭ ކޯޗުކަމަށް ގާބިލް މީހެއް،" 20 އަހަރު އާސެނަލް އަށް ކޯޗުކޮށްދިން ވެންގާ ބުންޏެވެ.

އޭނާ ބުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރެ އާޓެޓާ ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށްފައި ކަމަށެވެ. އަދި މިއީ އޭނާ އަމިއްލަ އަށް ކަންކަން އިމްޕްލިމެންޓް ކުރަން ރަނގަޅު ވަގުތެއް ކަމަށެވެ.

ވެންގާ ބުނީ 2017 ވަނަ އަހަރު އޭނާ އާސެނަލް ދޫކޮށްލިއިރު ކުލަބު އޮތީ މާލީގޮތުން ވަރުގަދަކޮށް ކަމަށާއި އޭގެ ފަހުން އާސެނަލްއިން ގިނަ ކުޅުންތެރިންތަކެއް ގަތް ނަމަވެސް އެކުޅުންތެރިން ކާމިޔާބުބަޔަކަށްނުވި ކަމަށެވެ.

"އަހަރުމެން ދައްކީ ލިވަޕޫލްގެ ކާމިޔާބުކަމުގެ ވާހަކަ. އެ ޓީމުގެ ކޯޗަކީ ވަރަށް މޮޅު ކޯޗެއް. މިއާއެކު ދައްކަންޖެހޭ މިދިޔަ ދެތިން އަހަރު އެމީހުން ރަނގަޅު ކުޅުންތެރިން ހޯދި ވާހަކަ ވެސް،" ވެންގާ ބުންޏެވެ.