ޚަބަރު

އެލަރޓް ލެވެލް މައްޗަށް ޖައްސައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާން ފަށައިފި


ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިފައިންގެ އެލާޓް ސްޓޭޓަސް "ޔެލޯ 2 އަށް"އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" ސްޓޭޓަސް އަކީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ސިފައިން ގެންނަ ސަމާލު ކަމެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ސިފައިންގެ އެލާޓް ސްޓޭޓަސް މައްޗަށް ޖެއްސުމާ ގުޅިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށެވެ. މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރާ ކަމަށްވެސް އެ ބަޔާނުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެހެންނަމަވެސް ޤައުމުގެ ސަލާމަތާއި އަމާންކަމަށް ނުރައްކާވާގޮތަށް ދިމާވީ ކޮން ޙާލަތެއްކަމެއް އަދި ލިބުނީ ކޮން މަޢުލޫމާތެއްކަމެއް އެމްއެންޑީއެފުން ހާމައެއްނުކުރައްވައެވެ.