ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުނަށް ސަމާލުވެ ތިބުމަށާއި އެފަދަ މީހުންގެ މަޢުލޫމާތު ހިއްސާ ކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެދިވަޑައިގެންފިއެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މިކަމަށް އެދިވަޑައިގެންފައިވަނީ ޓެރަރިޒަމާއި ހަރުކަށިފިކުރުގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރުމަށް ކުރަމުންދާ ޤައުމީ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދި ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ހަރުކަށި ފިކުރުތައް ފަތުރާ މީހުން ރެއާދުވާލު އިންޓަނެޓްގެ ވަސީލަތްތަކާއި ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކޮށްގެންނާއި ސިއްރިއްޔާތުގައި އެ ފިކުރުތައް ފެތުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. އެހެން ކަމުން އެކަން ކަމަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް އެ ސެންޓަރުން އިލްތިމާސްކުރައްވާފައިވެއެވެ.
ޓެރަރިޒަމާއި ހަރުކަށިފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށާއި މިއީ އަންނަން އޮތް ޖީލްތައް ފިކުރީ ގޮތުން ކުރިއަށް ދިއުމާއި ގައުމީ ތަރައްގީގެ ލަނޑުލަނޑި ޙާސިލްކުރުމަށް ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.