ކުޅިވަރު

ނިލަންދޫއިން ގްރީން ސްޓްރީޓްސް ބަލިކޮށްފި


ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ނިލަންދޫ ސްޕޯޓްސް ކްލަބް ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިލަންދޫއިން ކާމިޔާބުކުރީ 4-2 ލަނޑުންނެވެ. މި ނަތީޖާއާއެކު ފ.ނިލަންދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ހޯދި 13 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައަށް ކުރިއަށް ޖެހިލާފައެެވެ. ނަމަވެސް މިރޭ ކްލަބް އީގަލްސް އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވެއްޖެނަމަ އެޓީމަށް އަލުން 7 ވަނަ ލިބޭނެއެެވެ. ގްރީން ސްޓްރީޓްސް ދެވަނައިގައި އޮތީ 14 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ.

މިއަދު މެޗު ފަށައިގެން މެޗުގެ ދެވަނަ މިނެޓުގައި ނިލަންދޫ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީވަނީ ގްރީން ސްޓްރީޓްސްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް މުހައްމަދު އުމައިރު ފޮނުވާލި ޕެނަލްޓީ ނިލަންދޫ ޓީމުގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ދިފާޢުކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ނިލަންދޫ ސްޕޯޓްސް ކްލަބުންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝީކީ އޮކަމޯޓޯއެވެ. ގްރީން ސްޓްރީޓްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި މުހައްމަދު އުމައިރުގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙުމަދު ރަޝީދުއެވެ. ނަމަވެސް އޭގެ 2 މިނެޓު ފަހުން ނިލަންދޫއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ނިލަންދޫ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލޫކަސް މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ނިލަންދޫއިން ފުުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. އެގޮތުން ޓޮޝިކީ އޮކަމޯޓޯ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރ އަތުގައި ޖެހިފައި ޕެނަލްޓީ އޭރިޔާ ތެެރެއަށް ބޯޅަ ވެއްޓުނު ވަގުތު ލޫކަސްވަނީ ގޯލުގެ ތެރެއަށް ފޮނުވާލާ މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކޮށްލާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ކްލަބް ގްރީން ސްޓްރީޓްސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުން މުހައްމަދު އާރިފް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާ މެޗުގެ ނަތީޖާ 2-3 ލަނޑަށް ބަދަލުކޮށްލާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ނިލަންދޫން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ވެސް ޓޮޝީކީ އެވެ. ލޫކަސް ހުސްކޮށްލާފައި ދިން ބޯޅަ ޓޮޝީކީ ވަނީ ހަމަޖެހިފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލީގުގައި ދެން ނިލަންދޫ ވާދަކުރާނީ އަންނަ އާދީއްތަ ދުވަހު ކުލަބު އީގަލްސްއާ ދެކޮޅަށެވެ. ގްރީންސްޓްރީޓްސްއިން ދެން ލީގުގަ މެޗެއް ކުޅޭނީ އަންނަ މަހު އަށްވަނަ ދުވަހު ޓީސީއާ ދެކޮޅަށެވެ.