ޚަބަރު

ރައީސް ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް މަނީލޯންޑަރކުރި ފައިސާއާއި އެއިން ލިބުނު ފައިދާ ދައުލަތައް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނަރަލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

މަނީލޯންޑަރކުރުމުގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުއެވެ. އެހުކުމާ ގުޅިގެން ޕީޖީ މިއަދު ކޯޓަށް ހުށައަޅުއްވާފައިވަނީ ތިނެއް ޕޮއިންޓު ހަތަރެއް މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށްކަމަށް އެނގިފައިވެއެވެ.

އެ ޢަދަދަކީ ރައީސް ޔާމީން މަނީލޯންޑަރކުރި ފައިސާއާއި އެފައިސާ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށް އިންވެސްޓްކުރުމުން ފައިދާގެ ގޮތުގައި ލިބުނު ފައިސާ ކަމަށްބަލާ ނަގާދޭން އެދިފައިވާ ޢަދަދެކެވެ. ޕީޖީ އޮފީހުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައިހުރި ފައިސާ ނަގައިދޭން ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާތީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެސަތޭކަ ނުވަދިހަ ދެވަނަ މާއްދާ އާއި މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ފަސްދޮޅަސް ދެވަނަ މާއްދާގެ ދަށުން، ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ފައިސާއިން މަނީލޯންޑަރކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ އެ ފައިސާ ދައުލަތައް ނަގަންޖެހެއެވެ. ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައެވެ. އަދި އެ މައްސަލަ ހައިކޯޓުން ވަނީ ބަލައިގެންފައެވެ.