ފިޔަލަކީ އާއްމު ދިރިއުޅުމުގައި ކެއުމަށް އެންމެ ގިނައިން ބޭނުންވާ ތަރުކާރީގެ އެއް ބާވަތެވެ. މިގޮތުން ދުނިޔޭގައި އެންމެ ގިނައިން ފިޔާ ހައްދާ އަދި އެތަކެތި އެހެން ޤައުމުތަކަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ޤައުމަކީ އިންޑިއާއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ގިނަ ހާދިސާތަކެއް ހިނގާ އިންޑިއާގެ ފިޔާ ދަނޑުތަކަށާއި، ފިޔާ ރައްކާކުރާ ގުދަންތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އިންޑިއާގައި އުފައްދާ ފިޔާގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން އިންޑިއާގައި 10 ރުޕީސްއާއި 25 ރުޕީސްއާ ދެމެދުގެ އަގަކަށް ވިއްކަމުންދިޔަ ފިޔާ ކިލޯއެއްގެ އަގު ވަނީ 100 ރުޕީސްއަށްވުރެ މައްޗަށް ގޮސްފައެވެ.
އިންޑިއާގައި ފިޔާ އަގުބޮޑުވުމުގެ ސަބަބުން އިންޑިއާގެ އިތުރުން، އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރާ ޤައުމުތަކަށްވެސް އޭގެ އަސަރުކުރިއެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރަނީ އިންޑިއާއިންކަމަށްވާއިރު، އިންޑިއާގައި ފިޔަ އަގުބޮޑުވުމުގެ ސަބަބުން ރާއްޖޭގައިވެސް ފިޔާގެ އަގުވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. މީގެ ކުރިން 10 ވަރަކަށް ލިބުނު ފިޔާ ކިލޯއެއްގެ އަގު ރާއްޖޭގައި މިހާރު އުޅެނީ 50 ރުފިޔާއާއި 75 ރުފިޔާއާ ދެމެދުގައެވެ.
ފިޔާގެ އަގު މައްޗަށް ދިއުމާއެކު އިންޑިއާގެ އިތުރުން، އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރާ ޤައުމުތަކުގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ގޮސް، ފިޔާ ވަގަށް ނެގުމާއި ފިޔަލުގެ މައްސަލައިގައި ބޮޑެތި ހަމަނުޖެހުންތައް ހިނގިކަމަށް ޚަބަރުތައް ބުނެއެވެ.
އިންޑިއާގެ ދަނޑުތަކަށް ލިބުނު ގެއްލުމާއެކު ފިޔާގެ އަގު ބޮޑުވުމުން، އަގު ދަށްކުރުމަށްޓަކާ އިންޑިއާގެ ސަރުކާރުން ފިޔާ އެކްސްޕޯޓުކުރުން މަނާކޮށް، ފިޔާގެ ސްޓޮކްޕައިލް އެއްކުރާ މިންވަރު މަދުކުރުމާއި، އެހެން ޤައުމުތަކުން ފިޔާ އިންޕޯޓުކުރުން އިތުރުކުރުކުރުމަށް ނިންމިއެވެ. މިފިޔަވަޅުތަކުގެ އިތުރުން ފިޔާ ހެއްދުމަށް ދަނޑުވެރިންނަށް އެކި ގޮތް ގޮތުން އިންޑިއާ ސަރުކާރުން އެހީތެރިކަންވެސް ފޯރުކޮށްދެމުން ދިޔައެވެ.
މިހުރިހާ ފިޔަވަޅާކާއިއެކު ފިޔަލުގެ އިތުރު ސްޓޮކްތައް ލިބިފައިވާއިރު، އިންޑިއާގެ އެންމެ ބޮޑެތި ހޯލްސޭލް މާކެޓްތަކުގައި ޖެނުއަރީމަހުގެ މެދެއްހާ ހިސާބުން ފެށިގެން ފިޔާގެ އަގުތައް ދަށަށް ދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. މިގޮތުން ޖެނުއަރީމަހުގެ މެދެއްހާ ހިސާބުން ފެށިގެން ފިޔަލުގެ އަގު މިހާރު ހުރި ވަރަށްވުރެ 80 އިންސައްތަ ދަށަށް ދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އިންޑިއާގެ ދަނޑުވެރިންކަމުގެ ދާއިރާ ދިރާސާކުރާ ފަރާތްތަކާއި ޖަމިއްޔާތަކުގެ ފަރާތްތަކުން ބުނާގޮތުގައި ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދަނޑުވެރިން މިހާރު ބޭނުންކުރާ ގުދަންތަކުގެ ފެންވަރު ރަނގަޅު ޖެހެއެވެ. އަދި ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ފިޔާ ރައްކާކުރާ ގުދަންތަކަށް ލިބޭ ގެއްލުން ކުޑަކޮށް މިހާރަށްވުރެ ޒަމާނީ ސްޓޯރޭޖް ފެސިލިޓީތައް ޤާއިމްކުރުމަށް ދަނޑުވެރިންނަށް އެހީވުމަށް އިންޑިއާގެ ސަރުކާރަށް އެކި ފަރާތްތަކުންދަނީ އިލްތިމާސް ކުރަމުންނެވެ.