އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާއި ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަ މައްޗަށް ޕްރޮސެކިއުޓަރ ޖެނަރަލް ދައުވާ އުފުލައިފިއެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު މީހަކާ ކައިވެނިކޮށްދިނުމުގެ ނަމުގައި އެހެން ފިރިހެނަކާ ހަވާލުކޮށްފައިވަނިކޮށް އެ ކުއްޖާއަށް ދަރިއަކުވަނީ ލިބިފައެވެ.
ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަންމަގެ މައްޗަށް 4 ދައުވާ އެއް އުފުލާފައިވާއިރު އެ ކުއްޖާގެ ބައްޕަގެ މައްޗަށް ވެސް އެއް ދައުވާ ވަނީ އުފުލާފައެވެ.
އުމުރުން 36 އަހަރުގެ އަންހެން މީހާގެ މައްޗަށް ދައުލަތުން އުފުލި އެއް ދައުވާއަކީ މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާގެ ޞިއްޙަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަޞްލަޙަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ޙާލަތެއްގައި، 14 އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށްވުރެ ގިނަ އިރަށް 14 އަހަރު ނުފުރޭކުޑަކުއްޖަކު ދޫކޮށްލުމުގެ ކުށުގެ ދަޢުވާ އެވެ. އަނެއް ދައުވާ އަކީ މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ގާނޫނު އުގޫބާތުގެ 110 ވަނަ ބާބާއި 120 ވަނަ ބާބާއި 130 ވަނަ ބާބުގައި ބަޔާންކޮށްފައިވާފަދަ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެފަދަ ކުށެއް ކުއްޖާއާމެދު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީންގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދަޢުވާ އެވެ. މީގެ އިތުރުން ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ވަނީ ކޯޓަށް ހުށައަޅާފައި ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއްވައެވެ.
މި މައްސަލައިގައި 13 އަހަރުގެ އަންހެން ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ތޭރަ އަހަރުގެ ކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅިގެން އުޅުނު ރ. މަޑުއްވަރި، ފެހިއަލި، އިސްމާޢީލް ޙައްމާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ. އެހެން ނަމަވެސް 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލާގައި ދަޢުލަތުން ދައުވާކުރި ކުއްޖާގެ ބައްޕަ އާއި މަންމަ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކޯޓުން ބޭރުން ތޭރަ އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެން ކަމަށްބުނެ އެކުއްޖާއާއެކު ހައްމާދު އުޅުނުކަމާއި، އެ ކުއްޖާ މާބަނޑުވި ވާހަކަ ފެންމަތިވީ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހައްމާދަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ކުރިމަތިވި ހިސާބުންނެވެ.