ތިމާވެއްޓާ ބެހޭ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރާއެކު އެޕޮއިންޓްމަންޓާ ނުލާ އާއްމުންނަށް ބައްދަލުކުރެވޭނެ އިންތިޒާމު އެމިނިސްޓްރީން ހަމަޖައްސަވައިފިއެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާއަހަރުގެ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު މިފުރުސަތު ޢާއްމުންނަށް އޮންނާނެކަމަށެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9 އަކުން 10 އަކަށް ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ މިފަދަ ފުރުސަތެއް ވަޒީރަކު އާއްމުންނަށް ހުޅުވާލައިގެން ދެއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މިފުރުސަތާއެކު ރަށްރަށުގައި ހުރި ތިމާވެށީގެ މައްސަލަތަކާއި އާއްމުން ކަންބޮޑުވާ ފަދަކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ސީދާ ރައްޔިތުން މިނިސްޓްރީގެ އެންމެ އިސް ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކޮށްގެން އެދެވޭ ނަތީޖާތަކެއް ނެރެވޭނެކަމަށް މިނިސްޓްރީން ޤަބޫލުކުރައްވައެވެ.
ދެފުށްފެންނަ ގޮތަށް އާއްމުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. ތިމާވެއްޓާ ގުޅޭގޮތުން ތަފާތު ޕްރޮޖެކްޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ތިމާވެށީގެ ދާއިރާއިން ރާއްޖެދަނީ ވަކާލާތުކުރަމުންނެވެ.