މި އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގައި އަންހެނުންނަށް އެކަނި ވާދަކުރެވޭނެ ދާއިރާތައް އަންނަ ހަފްތާގައި ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަރީފު ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވުމުން އެ ސިޓީގެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ދާއިރާތައް ވަކި ކުރުމަށްފަހު އޭގެ ފައިނަލް ރިޕޯޓް އަންނަ ހަފްތާ ތެރޭގައި ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އަންހެނުންނަށް އެ ސިޓީން ޚާއްސަކުރާ ދާއިރާތައް ކަނޑައެޅުމުގެ ގުރުއަތުލުން ކުޅުދުއްފުށީގައި ބޭއްވުމަށް އެ ކޮމިޝަނުން ވިސްނަމުންދާ ކަމަށެވެ.
މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގައި އަންހެނުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައެޅުމަށް ގުރުއަތުލުން ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ސިޓީއެއްގެ ދަރަޖަ ދެވިދާނެ ކަމަށް ޤާނޫނުގައި ބުނެފައިވާ އަދަދަށް އެ ސިޓީގެ އާބާދީ ހަމަވެފައިވާތީއެވެ. އެ އާއެކު އެ ސިޓީއަށް މޭޔަރެއްގެ އިތުރުން ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރަން ޖެހެއެވެ. އަދި އަންހެނުންނަށް ޚާއްސަކޮށް ދެ ދާއިރާއެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަށްފަހު އިޢުލާންކުރަންޖެހެއެވެ.