ކޯޗުކަމުން މުހައްމަދު ނިޒާމް ވަކިކުރީ ނަތީޖާ ގޯސްވުމުން ކަމަށް ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސްއިން ބުނެފިއެވެ.
އެކުލަބުގެ އިސް ފަރާތްތަކާ ހަވާލާދީ ބަނގްލަދޭޝްގެ ޑާކާ ޓްރިބިއުން ނޫހުގައި ވަނީ ނިޒާމަކީ ކުލަބުން ދުރު މުސްތަގަބްލަކަށް ބޭނުންވާފަދަ ކޯޗެއްނޫން ކަމަށެވެ. ސައިފް ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ނަސީރުއްދީން ޗައުދަރީ ބުންޏެވެ.
ޤައުމީ ޓީމުގެ ކުޅުންތެރިން ތިބެ ބޭނުންވިވަރުގެ ނަތީޖާއެއް ފެޑަރޭޝަން ކަޕުގައި ނުލިބުނުކަމަށާއި، އެޓީމުން ގަބޫލުކުރާ ގޮތުގައި ނިޒާމަކީ ދުރު މުސްތަޤްބަލަކަށް ބޭނުންވާ ފަދަ ކޯޗެއްނޫންކަމަށެވެ. އެކުލަބުން ބުނީ ވަރަށް އަވަހަށް އާ ކޯޗަކު ހަމަޖައްސާނެ ކަމަށާއި އިސްކަންދޭނީ ބަންގްލަދޭޝްގެ ފުޓްބޯޅަ އެނގޭ ކޯޗަކަށް ކަމަށެވެ.
ޤައުމުން ބޭރުގެ ވަރުގަދަ ލީގަކަށް ބަދަލުވި ފުރަތަމަ ދިވެހި ކޯޗު ނިޒާމް މަގާމުން ވަކިކުރީ ދެ މަސް ނުވަނީސްއެވެ. އެއި ފެޑަރޭޝަން ކަޕުގެ ކުއާޓާ ފައިނަލުން ބަލިވުމުންނެވެ.
ސައިފްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހު ނިޒާމް ބުނީ ސައިފް ސްޕޯޓްސްއިން ބޭނުންވަނީ އޯވަނައިޓަކުން ނަތީޖާ ނެރެން ކަމަށާއި ފުޓްބޯޅައިގެ ނަތީޖާ ނެރުމަށް ރޭވުންތެރިކަމާއި ވަގުތު ބޭނުންވާކަން ކުލަބަށް ވިސްނައިނުދެވުނު ކަމަށެވެ.
ނިޒާމަކީ ޓީސީ އަށް ބަނގްލަދޭޝްގައި އޮތް ޝައިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕާއި ދިވެހި ލީގު ކާމިޔާބުކޮށްދީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދާފައިވާ ކޯޗެކެވެ.