ޚަބަރު

މިމަހުގެ 17ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ މުފްތީ އިސްމާޢީލް މެންކް


މިހިނގާ ޖެނުއަރީ މަހުގެ 17ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ދަޢުވަތަކަށް މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14އިން 18އަށެވެ.. އެހެންވެ 17 ވާ ހުކުރު ދުވަހުގެ މާލޭ އިސްލާމީ މަރުކަޒުގައި މުފްތީ މެންކް އިމާމުވެ ހުކުރު ކުރައްވާގޮތަށް ހަމަ ޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މެންކް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި މާލޭގެ އިތުރުން އައްޑޫސިޓީ އާއި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށްރަށުގައި ވެސް ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މުފްތީ މެންކްގެ މިދަތުރުފުޅުގައި ޒުވާނުންނަށާއި ދީނީ ޢިލްމުވެރިންނަށް ޚާއްސަކޮށްގެން ދީނީ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވަނީ މީގެ ކުރިންވެސް އެތަކެއް ފަހަރު ރާއްޖެ ވަޑައިގަންނަވާފައެވެ. އެގޮތުން 2016 ވަނަ އަހަރު ވަޑައިގެނެވިއިރު ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމާއި ގުޅޭގޮތުން އޭރުގެ ޑިފެންސް މިނިސްޓަރާއެކު ވަނީ މަޝްވަރާތަކެއްވެސް ކުރައްވާފައެވެ. މީގެއިތުރުން 2018 ވަނަ އަހަރުވެސް މުފްތީ މެންކު ވަނީ ރާއްޖެ ވަޑައިގެން މާލެ އާއި އައްޑޫގައި ދީނީ ދަރުސްތައް ދެއްވާފައެވެ.

މުފްތީ މެންކު ފާހަގަ ކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވައި އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.