ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުންނާއެކު މިއަދު އެކޯޓުގެ މަސައްކަތްތައް ފަށައިފިއެވެ.
ރިސެސްއަށް ފަހު މިއަދު ސުޕްރީމް ކޯޓުގައި ފަށާ ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.
މަސްތުވާތަކެއްޗާއި ގުޅޭ އެ މައްސަލަ އަކީ 2012 ވަނަ އަހަރު ކޯޓަށް ހުށައަޅާފައިވާ މައްސަލައަކަށް ވާއިރު އެމައްސަަލަ ތާވަލުކޮށްފައި އޮތީ ހެނދުނު 9:00އަށެވެ.
ދުވަސްތަކެއް މެދު ކަނޑުމަށްފަހު ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އަލުން ފެށިއިރު އެ ކޯޓުގައި ނުނިމި ގިނަ ދުވަސްތަކެއްވެ ނުނިމިހުރި މައްސަލަތަކެއް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގައި ކުރިއަށްގެންދަން ހަމަ ޖައްސާފައިވާ ޝަރީއަތްތަކުގެ ތާވަލު މިހާރު ވަނީ އާއްމުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. މި ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވިއިރު ސުޕްރީމް ކޯޓު އޮތީ ރިސެސްގައި ކަމުން އެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަހުން މިހާތަނަށް ސުޕްރީމް ކޯޓުގައި ޝަރީއަތުގެ މަޖިލީހެއް ބާއްވާފައިނުވެ އެވެ.
ސުޕްރީމް ކޯޓަށް ރިސެސްއަށް ފަހު ފަށާއިރު ސުޕްރީމް ކޯޓުގައި މި ވަގުތު ފަސް ފަނޑިޔާރުން އެބަ ތިއްބެވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން އައްޔަން ކުރެއްވުމާމެދު ޖުޑީޝަލް ސަރވިސްގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އެދިވަޑައިގެންފައި އެވެ.