އިނގިރޭސި އެފްއޭކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވާހެމްޓަން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހޭ ކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން މެޗު އެއްވަރުވެއްޖެނަމަ މެޗުން އަލުން ކުޅޭނީ އެވެ. މިހެންވެ ދެ މި މެޗު ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި މި މަހުގެ ތެރޭގަ އެވެ. ދެ ޓީމުގެ ކޯޗުން ވެސް ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހޭ ކަމަށް ބުނީ އިތުރު މެޗެއް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އިތުރަށް ވަރުބަލިވެ އެހެން މެޗުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ އެވެ.
"އަހަރެން ހިތްހަމަޖެހޭ މެޗު ދެން ކުޅޭނީ ޖެހޭނީ އަހަރުމެންގެ ދަނޑުގައި ކަމަށްވުމުން. ވުލްވުސްގެ ދަނޑަކީ އަބަދުވެސ އުނދަގޫތަނެއް. އެކަމަކު ޕެނަލްޓީ ޖަހައިގެން މެޗު ނިންމަންދިޔަނަމަ މާރަނގަޅުވީސް. އިތުރު މެޗެއް ކުޅުނީ މިހާ ބިޒީކޮށް ޝެޑިއުލް އޮންނައިރު ދަތި ކަމެއް،" ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލިޝަޔާ މެޗަށް ފަހު ބުންޏެވެ.
ރޭގެ މެޗަކީ 2015 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ގޯލަށް ޝޮޓެއް ފޮނުވާނުލައި ނިންމާލި ފުރަތަމަ މެޗެވެ. ނަމަވެސް ވުލްވުސްގެ ހަމަލާތައް ކީޕަރު ސާޖިއޯ ރޮމޭރޯ ހުށިޔާރުކަމާއެކު ދިފާއު ކުރި އެވެ.
"އޭނާ ވަރަށް މޮޅަށް ކުޅުނު. އޭނާ ދަނީ (އެއްވަނަ ކީޕަރު) ޑޭވިޑެ ޑެހެޔާ އަށް ޕްރެޝަރު ދެމުން. ރޮމޭރޯ އަކީ ވަރަށް ޕްރޮފެޝަނަލް މީހެއް. އޭނާގެ ކުޅުމަށް އަހަރެން ތައުރީފް ކުރަން،" ސޮލިޝަޔާ ބުންޏެވެ.
ވުލްވުސްގެ ކޯޗު ނޫނޯ ސަންޓީ ބުނީ ކޮންމެ ދަނޑެއްގައި މެޗު ކުޅުނަސް ޔުނައިޓެޑާ ދެކޮޅަށް ކުޅުމަކީ އޭނާގެ ޓީމަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރޭގެ މެޗުގައި ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.
"އަހަރެން މި މެޗުގައި މި މެޗުގައި ކަމެއް އިހްތިޔާރުކުރާނަމަ ދާނީ ސީދާ ޕެނަލްޓީ އަށް. ކީއްވެ އެކަން ނުކުރަންވީ؟،" ކޯޗު ސުވާލުކުރި އެވެ.