ޚަބަރު

ދާއިރާތައް ކަނޑައަޅަން ބާއްވާ ގުރުއަތުލުން ކުޅުދުއްފުށީގައި


އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގައި އަންހެނުންނަށް އެކަނި ވާދަކުރެވޭނެ ދާއިރާތައް ކަނޑައަޅަން ބާއްވާ ގުރުއަތުލުން އޮންނާނީ ކުޅުދުއްފުށީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވުމާ ގުޅިގެން އެސިޓީގައި އަންހެނުންނަށް އެކަނި ކުރިމަތިލެވޭނެ ދާއިރާތައް ކަނޑައަޅަން ބާއްވާ ގުރުއަތުލުން އޮންނާނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގައި އަންހެނުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައެޅުމަށް ގުރުއަތުލުން ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވީ އޭގެ ފަހުންނެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވުމާ ގުޅިގެން އެ ސިޓީއަށް މޭޔަރެއްގެ އިތުރުން ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރަން ޖެހެއެވެ. އަދި އަންހެނުންނަށް ޚާއްސަކޮށް ދެ ދާއިރާއެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަށްފަހު އިޢުލާންކުރަންޖެހެއެވެ.