ޚަބަރު

ޖަލުގެ ހަމަނުޖެހުން ޙައްލުވެއްޖެ - މުނާޒް


މާފުށީގައި ހުންނަ ރިމާންޑް ޖަލުގައި ބަންދުގައި ތިބިބަޔަކު މިދިޔަ ހުކުރު ދުވަހު ހިންގި ހަމަ ނުޖެހުން މިހާރު ހައްލު ވެއްޖެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅޭގޮތުން މަޢިލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒް ވިދާޅުވީ ހަމަނުޖެހުން ފެށުނީ ހުކުރު ދުވަހުގެ ރިމާންޑް ޖަލުގައި ތިބި ބަޔަކު ކަރެޝަންގެ އޮފިސަރުންގެ ގަޔަށް މިރުސް ފެން ޖެހި ހިސާބުން ކަމަށެވެ. އަދި އޭގެ ފަހުން އެހެން ގޮޅިއެއްގައި ތިބި ބަޔަކުވެސް އެކަން ކުރީ ކަމަށާއި އެމީހުން އެކަން ކުރީ ވަކިން ޚާއްސަކަމެއް ޖަލު އޮފިސަރުންގެ ފަރާތުންވެސް ދިމާވެގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުން އަތުގައި ހުރި އެއްވެސް އެއްޗެއް އަތުލަން މަސައްކަތް ނުކޮށް އެމީހުނަށް ނަސޭހަތްދީގެން އެމީހުންގެ ހިތްހަމަ ނުޖެހުންތައް ހައްލު ކުރެވޭތޯ މަސައްކަތްކުރި ކަމަށާއި އޭގެ ތެރެއިން އެއްގޮޅީގައި ތިބި މީހުންގެ ބަޔަށް ޕެޕަރސްޕްރޭ ޖެހީ ތިން ވަނަ ދުވަހު ވެސް އެމީހުން ހަމަ ނުޖެހުން ހުއްޓާ ނުލުމުން ކަމަށްވެސް މުނާޒް ވިދާޅުވިއެވެ.

ޖަލުގައި ތިބި ބަޔަކަށް އަނިޔާކުރާއިރު މުނާޒް ބައްލަވަން ހުރި ކަމަށްބުނެ ސޯޝަލް މީޑިޔާގައި އާއްމުކޮށްގެން އުޅޭ ވީޑިއޯއާ ގުޅޭ ގޮތުންވެސް އޭނާ ވަނީ ތަފްސީކޮށް ވާހަކަ ދައްކަވާފައި އެވެ. މުނާޒް ވިދާޅުވީ އާއްމުވެފައިވާ ވީޑިއޯގައި ފެންނަނީ ގޮޅީގައި ތިބި މީހުންގެ ގަޔަށް ޕެޕަރސްޕްރޭ ޖެހުމަށްފަހު އެމީހުންގެ މޫނު ދޮވެ ސާފުކޮށްދޭއިރު އެތަނުގައި އޭނާ ހުންނެވި މަންޒަރު ކަމަށެވެ. އަދި އެ ވީޑިއޯއަކީ ޖަލަށް ވަގައް ވައްދާފައިވާ ފޯނަކުން ގައިދީއަކު ނަގާފައި ފޮނުވާފައިވާ ވީޑިއޯ ކޮޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޖަލުގައި ހަމަނުޖެހުން ހިންގި މީހުންގެ މިހާރު ތިބީ މަޑުން ކަމަށާއި އޭގެ ފަހުން ކަމެއް ނުކުރާ ކަމަށް މުނާޒް ވިދާޅުވި އެވެ. އަދި އެމީހުން އޮފިސަރުންގެ ގަޔަށް މިރުސް ފެން އުކާ ހިންގި ހަމަ ނުޖެހުމަކުން އެހެން ޖަލުގެ އެހެން ގޮޅިތަކަށް ނުރައްކަލެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.