ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހުރިހާ ދާއިރާއަކަށް އާދަޔާ ހިލާފު ބަދަލުތައް މިދަނީ އަންނަމުންނެވެ. މިފަދަ ބަދަލްތަކުގެ ސަބަބުން ނުކުރެވޭނެކަމަށް ޤަބޫލުކުރެވިފައިވާ ކިތަންމެކަމެއް މިހާރު އަންނަނީ ކުރަމުންނެވެ. އުދުހޭ ކާރަކީވެސް ކުރިން ހިޔާލީ ކަމެކެވެ. ނަމަވެސް މިއަދު ބަޔަކު މިވަނީ އެކަންވެސް ހާސިލުކޮށްފައެވެ.
އެމެރިކާގެ ލަސްވެގަސްގައި ކުރިޔަށްދިޔަ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ ތެރެއިން ސައުތު ކޮރެއާގެ ހުންޑާއީ އަދި ޓެކްސީ ހިދުމަތްދޭ ކުންފުނި އޫބާ ގުޅިގެން އުފައްދަމުންދާ އުދުހޭ ކާރު ވަނީ ދައްކާލާފައެވެ. އެސް-އޭ1ގެ ނަމުން ނަންދެވިފައިވާ ކަރަންޓުން އޮޕަރޭޓްކުރާ މި "ޕަސަނަލް އެއަރ ވެހިކަލް"އަކީ ހަތަރު ފަސިންޖަރުންގެ ކާރެކެވެ.
މިކާރަކީ ހުންޑާއީއާއި އޫބާއިން ތައަރަފްކޮށްފައިވާ "އޫބާ އެލަވޭޓް" ހިދުމަތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާރެކެވެ. މިކާރަކީ ގަޑިއަކު 180 މޭލް ބާރުމިނުގައި ދުވާ ކާރެކެވެ.
ހުންޑާއީއިން ބުނީ މިއީ ސްމާޓް މޮބިލިޓީ ސޮލިއުޝަން ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ ނިޒާމަށް އިންޤީލާބީ ބަދަލުތަކެއް ގެންނާނެ މަސައްކަތެއްކަމަށްވެސް ހުންޑާއީން ބުނެއެވެ.
އޫބާއިން ބުނާގޮތުގައި އުދުހޭ ކާރު ތަރައްޤީކުރުމަށް އެކި ކުންފުނިތަކާއެކު އޫބާއިން މަސައްކަތްކުރަމުން ދިޔަކަމުގައިވިޔަސް، ހުންޑާއީއާއިއެކު ޕާޓްނަރޝިޕްއަށް ދިޔައީ ބައިނަލްއަޤްވާމީ ފެންވަރުގައި ކާރު އުފައްދާ ކުންފުންޏަކާއިއެކު މިކަން ކުރުމުގެ މަޤްސަދުގައި ކަމަށެވެ. އަދި ހުންޑާއީން އޫބާއާއެކު ފެށި ޕާޓްނަރޝިޕްގެ ދަށުން ކޮލިޓީ މޮޅު، އިތުބާރުކުރެވޭ ފެންވަރުގެ އުދުހޭ ކާރުތަކެއް އުފެއްދޭނެކަމަށް އޫބާއިން ބުނެއެވެ.
2016ގައި ޤާއިމްކުރި އޫބާ އެލަވޭޓަކީ ޓްރެފިކް ތޮއްޖެހުންފަދަ މައްސަލަތައް ހައްލުކޮށް، ދަތުރުފަތުރުގެ ނިޒާމަށް އިންޤީލާބީ ބަދަލުތަކެއް ގެނައުމަށް އޫބާއިން ތައަރަފްކުރަން މަސައްކަތް ކުރަ ހިދުމަތެކެވެ. ނަމަވެސް މިހިދުމަތް ރަސްމީކޮށް ނުފަށައެވެ. މިކަންކުރުމަށް ރޭވިފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި ފުރަތަމަ މިހިދުމަތްދޭނީ އެމެރިކާގެ ޑެލަސް، ލޮސް އެންޖަލަސް، އަދި އޮސްޓްރޭލިއާގް، މެލްބަންއެވެ. އޫބާއިން ބުނީ އުދުހޭ ކާރުގެ ހިދުމަތް ދޭ ފެށުމުން 2 ގަޑިއިރު ނަގާ ދަތުރެއް 15 މިނެޓަށް ކުރުވެގެން ދާނެކަމަށެވެ.
އުދުހޭ ކާރު އުފެއްދުމަކީ މީގެ އެތައް އަހަރުތަކެއް ކުރިންވެސް އެކަމެއްގެ ވާހަކަ ދެކެވި، މިކަމަށް އެތައް ބައެއް މަސައްކަތްވެސް ކޮށްފައިވާ ކަމެކެވެ. މިގޮތުން ކާރު އުފައްދާ ގިނަ ކުންފުނިތަކުން މިކަންކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. ބައެއް ފަރާތްތަކުން މޮޑެލްތައްވެސް ތައަރަފްކޮށްފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން އެމަސައްކަތްތައް ކާމިޔާބުވެފައެއްނުވެއެވެ.