ކުށްކުރާ މީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ ޢުމުރުން 25 އަހަރުން ދަށުގެ ޒުވާނުން ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ޔޫތް މިނިސްޓްރީ ގުޅިގެން ޒުވާނުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ލާމަސީލު ޒުވާނާ ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ކުށުގެ ޝިކާރައަކަށް ގިނައިންވަނީވެސް އެ ޢުމުރުގެ މީހުންކަމަށެވެ.
އަދި މިކަން ބަދަލުކުރުމަށް ފުލުހުންގެންދަވަނީ ކަމާ ގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް އިންތިޒާމުކޮށް ކުރިއަށްގެންދާކަމަށް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މުޙައްމަދު އިރާޝް ވިދާޅުވީ ފުލުހުންނާއި މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މިޙަރަކާތުގެ ސަބަބުން ޒިންމާދާރު މަސައްކަތަށް ފަރުވާތެރި ޒުވާނުންތަކެއް ބިނާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލް ނިމޭ ދަރިވަރުންގެ ތެރޭގައިވެސް ކުރިއަށްދާނެ ގޮތް ނިންމުމުގައި ދަތިތަކެއް ހުންނަކަމަށާއި މިޕްރޮގްރާމްގެ ސަބަބުން އެކަމަށް އެހީތެރިކަމެއް ލިބި ކުރިއަށްދާނެ ރަނގަޅު މަގެއް ޕްރޮގްރާމުގެ ބައިވެރިންނަށް އެނގިގެންދާނެ ކަމަށެވެ.
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ސިލްސިލާކޮށް ބާއްވަމުން އަންނަ ލާމަސީލު ޒުވާނާ ޕްރޮގްރާމުގައި މިފަހަރު ޖުމްލަ 81 ދަރިވަރުން ބައިވެރިވެއެވެ. ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ މިޕްރޮގްރާމުގައި ޢުމުރުން 16 އަހަރާއި 25 އަހަރާއިދެމެދުގެ ކުދިން ބައިވެރިވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިޕްރޮގްރާމުގެ އަމާޒަކީ ވަޒީފާގެ މާޙައުލަށް އަހުލުވެރި ޤައުމުގެ ތަރރައްޤީއަށް ކޮންމެ ކުއްޖަކީ މުހިއްމު ކުއްޖެއްގެ ގޮތުގައި ދަރިވަރުންނަށް ވިސްނައިދީ ދިރިއުޅުމުގެ މައިދާނަށް ބައިވެރިން ތައްޔާރުކުރުމެވެ. އަދި މިޕްރޮގްރާމުގައި އެކަހަލަ ވޮކޭޝަނަލް ޓްރެއިނިންގތަކާއި ދިމާވާ އެކި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ.