ކުޅިވަރު

އޮލިމްޕިކްސް އާއި ކޮޕާ އެމެރިކާގައި ކުޅެން ބޭނުން: ނޭމާ


މި އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި އޮލިމްޕިކްސްގައި ކުޅެން ބޭނުންވާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ބްރެޒިލް ފޯވަޑް ނޭމާ ސަންޓޯސް ބުނެފި އެވެ.

އޭނާ މިހެން ބުނީ 2016 ވަނަ އަހަރު މި ފުރުސަތު ގެއްލުމުން މި ފަހަރުވެސް އެހެންވެދާނެތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"އަހަރެން މިހުރީ ވަރަށް ފޯމުގައި. 2016 ވަނަ އަހަރު ބާސެލޯނާއިން އަހަރެން ދޫކުރަން ބޭނުންނުވީ. އެކަމަކު އަހަންނަށް ހީވަނީ މިފަހަރު އެފުރުސަތު ލިބުން ވަރަށް ގާތްހެން. ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ޝަރަފެއް. އަދި އެ މުބާރާތް އެކުގައި ކާމިޔާބު ކުރުމަކީ ވަރަށް ބޮޑު އިނާމަކަށްވާނެ،" ނޭމާ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި ޕީއެސްޖީ އަށް ކާމިޔާބު ހޯދައިދޭން ވަރަށް ބޭނުން ކަމަށާއި އަދި ޖޫން މަހު ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް 100 ޕަސެންޓް ފިޓްކޮށް ހުންނަން ވަރަށް ބޭނުންވާ ކަމަށެވެ.

"އިންޖަރީގެ ސަބަބުން އަހަރެންގެ ކުޅުމަށް ބޮޑެތި މުބާރާތްތަކުގައި އަސަރުކޮށްފައި އެބަހުރި. އެންމެ ފަހުގެ ކޮޕާ އެމެރިކާ ގެއްލުނީ ވެސް އިންޖަރީގެ ސަބަބުން. މިހާރު އަހަރެން މަސައްކަތް ކުރަނީ އެކަން ދަނެގެން. ގައުމީ ޓީމަށް އަހަރެންގެ 100 ޕަސެންޓް ދޭނަން،" ނޭމާ ބުންޏެވެ.

އޭނާ އަކީ ފުރަތަމަ ފަހަރަށް ބްރެޒިލުން އޮލިމްޕިކްސް ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަނެވެ. އެ މުބާރާތާއެކު ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަކީ ވެސް އޭނާގެ ވަރަށް ބޮޑުހުވަފެނެކެވެ.