ރަނގަޅު ގޮތުގައި ތަންފީޒު ކުރެވިއްޖެކަމަށް ވާނަމަ ކުލަބް ލައިސެންސް ސިސްޓަމަކީ ވަރަށް ރަގަނޅު ސިސްޓަމެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝިޔަނުން ބުނެފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސްޕޯޓްސް ބަޒް ޕްރޮގްރާމްގައި ވާހަދައްކަމުން މާޒިޔާގެ ބޯޑް މެންބަރު ޙަސަން ޝިފާން ބުނީ ރާއްޖޭގެ ކުލަބުތައް މާލީ ހާލަތު ގޯސްވެގެންދަނީ އެކުލަބުތަކުން ހަރުދަނާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށާއި ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަ ނުދިމަކީ އެއީ ގަބޫލްކުރެވޭ އުޒުރެއް ނޫންކަމަށެވެ.
މިހާރު ރާއްޖޭގެ އަމަލުކުރަމުންދާ ކުލަބު ލައިސަން ސިސްޓަމާ ގުޅޭ ގޮތުން ޝިފާން ބުނީ އެއީ ވަރަށް ރަނގަޅު ސިސްޓަމެއް ކަމަށާއި މި ސިސްޓަމުގެ ދަށުން ކުލަބުގެ މާލީ ކަންތައްތަކާއި ކުޅުންތެރިންގެ ކޮންޓްރެކްޓާއި ކުލަބުގެ ޔޫތް ޑިވޮލޮޕްމެންޓް ޕްރޮގްރާމްތައް މީގެ ދަށުން ހިމެނިފަވުމަކީ އޭގެ ހެއްކެއްކަމަށެވެ.
އޭޝިޔާގެ ފުޓްބޯޅައިގެ މައިދާރާ އޭއެފްސީގެ މިންގަނޑުތަކަށް ކުލަބްތައް ކެޓެގްރައިޒް ކުރެވުނަސް މި ސިސްޓަމުގެ ތެރެއިން ކުލަބްތަކަށް ރަނގަޅު ފިޔަވަޅެއް އެޅިއްޖެކަމަށް ވާނަމަ އެއީ ކުލަބްތަކުގެ ކުރިމަގަށް އެޅޭނެ ރަނގަޅު ފިޔަވަޅެއްކަމަށް ޝިފާން ބުންޏެވެ.
ޝިފާން ބުނީ ކުލަބެއްގެ ކުޅުންތެރިން ކޮންޓްރެކްޓް ހަދައިފިކަމަށްވާނަމަ އެ ކުލަބަކުން ކުޅުންތެރިޔާއަށް މުސާރަ ދިނުމަކީ ވާޖިބެއްކަމަށެވެ. މާލީ ގޮތުން މިހާރު ކުލަބުތަކަށް ދިމާވި މައްސަލައިގައި އެފްއޭއެމްއަށް އިނގިލި ދިގުކުރެވެން ނެތްކަމަށާއި ކުލަބްތައް އެފްއޭއެމްއާ ހަރުދަނާވާންޖެހޭކަމަށް ހަސަން ޝިފާން ބުންޏެވެ.