ޚަބަރު

ކޯޓުތަކުން މައްސަލަ ނިންމި އަދަދު އިތުރުވެއްޖެ


ރާއްޖޭގެ ޝަރުޢީ ދާއިރާގައި ހިމެނޭ ކޯޓުތަކުން ނިންމި މައްސަލަތަށް އިތުރުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަނުން ނެރުނު ތަފާސް ހިސާބުތަކުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަނުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން
ފާއިތުވެދިޔަ 2019 ވަނަ އަހަރު ރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކާއި ސުޕީރިއާ ކޯޓުތަކަށް އަލަށް ހުށަހެޅި މައްސަލަތަކުގެ ޖުމްލައަށްވުރެ، އެއަހަރު ނިމުނު މައްސަލަތަކުގެ ޖުމްލަ އަދަދު ގިނައެވެ.

އަދި ޝަރުޢީ ކޯޓުތަކުގެ މަސައްކަތް މިންކޮށް ވަޒަން ކުރުމަށް ގެންގުޅޭ "ކޭސް ކްލިއަރެންސް ރޭޓް" 2018 ވަނަ އަހަރާ އަޅާބަލާއިރު %8.6 ވަނީ ކުރިއަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓަކީ %103.5 އެވެ.

މިދިޔަ އަހަރު ރާއްޖޭގެ މަތީމަރުހަލާގެ ކޯޓުތަކަށާއި، ސުޕީރިއާ ކޯޓުތަކަށް ޖުމްލަ 10،361 މައްސަލަ ވަނީ ހުށަހެޅިފައެވެ. 2018 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުތަކުގައި ނުނިމި ހުރި 5،862 މައްސަލައާއެކު ޖުމްލަ 16،223 މައްސަލައިގެ އަޑުއެހުންތައް 2019 ވަނަ އަހަރު ބާއްވާފައިވެއެވެ. އޭގެ ތެރެއިން 10،724 މައްސަލަވަނީ އެކޯޓުންތަކުން ބަލާ ނިމިފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު އަލަށް 10،624 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި 2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ހުރި 4،284 މައްސަލައާއިއެކު، ޖުމްލަ، 14،908 މައްސަލައިގެ އަޑުއެހުން 2019 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގައި ބާއްވާފައިވެއެވެ. އޭގެ ތެރެއިން 10،634 މައްސަލަ ނިމިފައިވާތީ، 2019 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓް ހުރީ %100.1 ގައެވެ. އެއީ، 2018 ވަނަ އަހަރާ އަޅާ ބަލާއިރު، %0.5 އިގެ ކުރިއެރުމެކެވެ.

އެހެން ކަމުން މުޅި ޝަރުޢީ ދާއިރާގައި ހިމެނޭ ކޯޓުތަކުގެ 2019 ވަނަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓަކީ %101.8 އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު %4.5 ގެ ކުރިއެރުމެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަނުން ނެރުނު ތަފާސް ހިސާބުގެ ރިޕޯޓްގައި ބުނެފައިވަނީ މި އަހަރަކީވެސް ޝަރުޢީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ހަލުވި ވެގެންދާނޭ އަހަރަކަށް ހެދުމަކީ، އެ ޑިޕާޓްމަންޓުގެ އަމާޒު ކަމަށެވެ.