ވެކްސިން ދިނުމާ ދެކޮޅު ހަދާ މީހުންނަށް މިވަގުތު އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ ބަލާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުންނަށް ޤާނޫނީ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ޓުވިޓާ މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވަނީ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ޤާނޫނީ ގޮތުން ކަން އޮތްގޮތް ސާފުކޮށްދެއްވާފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގައިވާ ގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭގޮތަށްވެސް އެޤާނޫނުގައި ހިމަނާފައިވެ އެވެ.
މިޤާނޫނަށް އަމަލުކުރަން ފަށާނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޤާނޫނު ފާސްވެ ތަސްދީގު ކުރެއްވިތާ ތިން މަސް ފަހުކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު ތަސްދީގުކުރެވި ގެޒެޓްގައި ޝާއިޢު ކުރި ފަހުން ތިން މަސް ހަމަވާނީ މިއަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިންވެސް ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުންނަށް ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ ބަލަމުން ގެންދަވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގައި ކުދިންނަށް ދޭން ޖެހޭ ވެކްސިން ދިނުމަށް ލާޒިމްކޮށްފައިވެއެވެ. އަދި އެޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އެޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާޢިދުތައް ހެދުމަށް ހެލްތު މިނިސްޓްރީގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވެއެވެ.