ޚަބަރު

3 އަހަރު ތެރޭގައި ކެތުލެބުން 5000 އަށްވުރެ ގިނަ ޕްރޮސީޖަރވަނީ ހަދާފައި


އައިޖީއެމްއެޗުގެ ކެތުލެބުގައި މިހާތަނަށް 5000 ހަށްވުރެ ގިނަ ޕްރޮސީޖަރ ހަދާފައިވާކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ. އެހޮސްޕިޓަލުން މިކަން ހާމަކޮށްފައިވަނީ އެހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކުރިއެރުންތަކާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެހޮސްޕިޓަލުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިންޓަރވެންޝަނަލް ކާޑިއެލޮޖިސްޓް ޑރ.ޢަލީ ޝަފީގު ވިދާޅުވީ ހޮސްޕިޓަލުގައި ހިތުގެ ފަރުވާއަށް ޚާއްސަ ސެންޓަރެއް 2016 ވަނަ އަހަރު ހުޅުވުމަށް ފަހު މިވީ ދުވަސްތަކުގައި ބޮޑެތި ކާމިޔާބީތައް ޙާސިލްކޮށްފައިވާކަމަށެވެ. އެގޮތުން 3 އަހަރާއި 6 މަހުގެ ތެރޭގައި ފަސްހާހަށްވުރެ ގިނަ ޕްރޮސީޖަރސް ހަދާފައިވާކަމަށް އަލީ ޝަފީޤު ވިދާޅުވިއެވެ. އަދި މިސެންޓަރުގެ ފަރުވާ ހަރުދަނާވުމުގެ ސަބަބުން ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލާ ހަމައަށް އަންނަ މީހުންގެ ތެރެއިން މީހުން މަރުވާ އިންސައްތަ ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަން ޑރ. ޢަލީ ޝަފީގު ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ ދެހާހަށްވުރެ ގިނަ ކޭސްތައް ކެތުލެބަށް އައިސްފައިވާއިރު މީގެތެރޭގައި ފުރާނަ ގެއްލިފައިވަނީ ގާތްގަނޑަކަށް 2 ޕޭޝަންޓެއް ކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ކެތުލެބުގެ ޚިދުމަތް އިތުރަށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެތެރެއިން މިއަހަރުގެތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި އޯޕަން ހާޓް ސަރޖަރީ ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން އަޖީއެމްއެޗުގައި ހަދާ ބައެއް ޕްރޮސީޖަރސްތަކުގައި މިދާއިރާއަށް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް މިއަހަރުގެތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިޕްރޮގްރާމުގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންސަވީހެއްހާ ކުދިން ބައިވެރިވާނެ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ކެތުލެބުގައި ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ދެމުން އަންނަ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެގޮތުން ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބޭރުގެ މާހިރުންގެ ބޮޑު ޝަޢުގުވެރިކަމެއް ރާއްޖޭގެ ކެތުލެބަށް ލިބޭކަމަށެވެ. ސަބަބަކީ ނުރައްކާތެރި ކޭސްތަކުގައި މީހުން މަރުވާ ނިސްބަތް ދުނިޔޭގެ ކުރިއަރާފައިވާ ކެތުލެބުތަކާއި އެއްހަމައެއްގައި ރާއްޖެއިން ހިފަހައްޓާފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ޚިދުމަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުން އަންނައިރު އެކެތުލެބުގައި މިހާރުވެސް ޤާބިލް ދިވެހި ޑޮކްޓަރުންނާއި ބޭރުގެ ތަޖުރިބާކާރުންގެ 7 ޑޮކްޓަރުންގެ ޓީމެއް އަންނަނީ މަސައްކަތްކުރަމުންނެވެ.