ކުޅިވަރު

ކުޅުންތެރިން ގަތުމަށް މިދިޔަ އަހަރު ކުލަބުތަކުން 5.6 ބިލިއަން ޕައުންޑް ހޭދަކުރި: ފީފާ


ކުޅުންތެރިން ގަތުމަށް މިދިޔަ އަހަރު ކުލަބުތަކުން 5.6 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާކަމަށް ފީފާއިން ބުނެފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ނެރުނު ރިޕޯޓުގައި ވާ ގޮތުން ރެކޯޑު ފީއެއްކަމަށްވާ 5.6 ބިލިއަން ޑޮލަރު ކުލަބުތަކުންވަނީ ފިރިހެން ކުޅުންތެރިންގެ ޓްރާންސްފަރއަށް ޚަރަދުކޮށްފައިއެވެ. މިއީ 2018ގައި ދުނިޔޭގެ ކުލަބުތަކުން ހޭދަކުރި ޚަރަދަށްވުރެ 5.8 އިންސައްތަ އިތުރު އަދަދެކެއެވެ.

178 ޤައުމެއްގެ ފަނަރަ ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ތިން ކުޅުންތެރިއަކު ކުލަބު ބަދަލުކުރިއިރު، މިއީވެސް ރެކޯޑު އަދަދެކެއެވެ. މި ކުޅުންތެރިންގެ ތެރެއިން 64.3 އިންސައްތައަކީ ކޮންޓްރެކްޓް ހަމަވެގެން ކުލަބު ބަދަލުކުރި ކުޅުންތެރިންނެވެ. އެންމެ ގިނައިން ކުޅުންތެރިން ހޯދާފައިވަނީ ބްރެޒިލްގެ ކުލަބުތަކުންނެވެ. ބްރެޒިލްގެ 306 ކުލަބަކުން ކުޅުންތެރިންގެ ގަތްއިރު، ޖަރުމަނުގެ 144 ކުލަބަކުން ކުޅުންތެރިންނަށް ހޭދަކުރިއެވެ.

ސްޕެއިންގެ 130 ކްލަބަކުން ޓްރާންސްފަރ މާކެޓްގައި ޚަރަދުކުރިއިރު، އިނގިރޭސި 128 ކުލަބަކުން ކުޅުންތެރިން ގަތެއެވެ. އެންމެ ގިނަ ކުޅުންތެރިން ހޯދި ޤައުމަކީވެސް ބްރެޒިލްއެވެ. އެގައުމުގެ ކުލަބުތަކަށް 831 ކުޅުންތެރިއަކު ސޮއިކުރިއިރު، ޔޫރަޕުން އެންމެ ގިނަ ކުޅުންތެރިން ހޯދި ޤައުމަކީ އިނގްލެންޑްއެވެ. އިނގިރޭސި ކުލަބުތަކުން 2019ގައި 1.5 ބިލިއަން ޕައުންޑް ކުޅުންތެރިން ގަތުމަށް ހޭދަކުރިއިރު، މިއީ 2018އާއި އަޅާ ބަލާއިރު، 22.1 އިންސައްތަ ދަށް އަދަދެކެއެވެ.

ކުޅުންތެރިން ވިއްކުމާއި، ގަތުމަށް ބަލައި އެންމެ ބޮޑު ފައިދާއެއް ހޯދީ ޕޯޗުގަލްގެ ކުލަބުތަކުންނެވެ. މިގޮތުން އެ ޤައުމުގެ ކުލަބުތަކުން 384 މިލިއަން ޕައުންޑްގެ ފައިދާއެއް ހޯދިއެވެ. ކުޅުންތެރިން ގަނެއް ވިއްކައިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިނގިރޭސި ކުލަބުތަކަށެވެ. އެގޮތުން ނެޓް ވެލިއުއަށް ބަލާއިރު، އިނގިރޭސި ކުލަބުތައް އުޅެނީ 549.9 މިލިއަން ޕައުންޑް ގެއްލުމުގައެވެ.

ފީފާއިން ނެރުނު 2019ވަނަ އަހަރުގެ ކުޅުންތެރިން ގަނެވިއްކުމުގެ ތަފާސްހިސާބު ރިޕޯޓުގައި މިއަހަރު އަންހެން ކުޅުންތެރިންނަށް ކުރި ހޭދަވެސްވަނީ ތަފްސީލްކޮށް ހިމަނާފައެވެ.