ޓެކްނޮލޮޖީގެ އިތުރު ފުރުސަތުތަކަށް ކިޔަވާކުދިން އަހުލުވެރިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ ބައިނަލްއަޤުވާމީ ތަޢުލީމާއި ބެހޭ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވީ ޓެކްނޮލޮޖީގެ އެކި ދާއިރާތަކަށް ކިޔަވާކުދިން އަހުލުވެރިކުރުމަށް އެމިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތަކުގައި ކްލަބުތައް ރެޖިސްޓްރީކޮށްގެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު ވިދާޅުވީ ދުނިޔެ މިހާރު ކުރިއަރަމުންދާ މިސްރާބުގައި ރޮބޮޓިކް ޓެކްނޮލޮޖީއަށް ދިވެހިން އަހުލުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
އަދި ޒަމާނީ ތަރައްޤީއަށް ލޯހުޅުވިފައިވާ ކުދިންތަކެއް އުފެއްދުމަށް ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގއާއި ހިސާބު ނުވަތަ ސްޓެމްގެ ޢިލްމާ ގުޅުންހުރި އެކި ޕްރޮގްރާމުތައް ހިންގުމުގެ މަސައްކަތް އަހަރުތެރެއަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސައިންސް ފެއާ ފަދަ ފެއާތައް އެޑިއުކޭޝަނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވަނީ ސްޓެމް، ތަޢުލީމީ މަންހަޖުގެ ތެރޭގައި ހިމެނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާއި ޙަވާލުކޮށްފައެވެ.
ސައިންސްގެ ހޯދުންތަކާއި އާޓިފިޝަލް އިންޓަލިޖެންސާއި ރޮބޮޓިކް އިޖާދުތަކަށް ކުދިން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.