ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވިކަމަށްބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާޠިލްކުރުމާއެކު އޭނާ މިނިވަންވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ސަޢީދުގެ މައްޗަށް ޢަދުލުއިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލީ ހައެއް ފެބްރުއަރީ 2018ވަނަ ދުވަހުގެރޭގެ ދަންވަރު ސުޕްރީމް ކޯޓު ތެރޭގައި ޢަބްދުﷲ ސަޢީދު ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަރުކޮށް ފޯނު ދިނުމަށް އެދުމުން ފޯނު ދެއްވާފައިނުވާތީ އާއި އަދި ސުޕްރީމް ކޯޓުގެ އެކިތަންތަން ބަލައި ފާސްކުރުމުންވެސް އެފޯނު ފެނިފައިނުވާތީ ކަމަށްބުނެއެވެ.
އެ މައްސަލާގައި ޢަބްދުﷲ ސަޢީދު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށް ޢަބްދުﷲ ސައީދު ހުށައެޅުއްވި މައްސަލަ ބެއްލެވުމަށްފަހު އެ ޙުކުމް ބާޠިލްކަމަށް ހައިކޯޓުން ކަނޑައެޅުއްވީ އެމައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
ޢަބްދުﷲ ސަޢީދުގެ މިޙުކުމް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިޙުކުމް ތަންފީޒުކުރަން ފަށާފައިވަނީ އޭގެ ކުރިން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދެޙުކުމެއް ތަންފީޒުކޮށް ނިމުމުންނެވެ. އެހެން ކަމުން މިހާރު ޢަބްދުﷲ ސައީދުވަނީ މިނިވަންވެފައެވެ.
ހައިކޯޓުން މިޙުކުމް ބާޠިލްކަމަށް ކަނޑައެޅުއްވުމުގައި ޝަރީޢަތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިމައްސަލާގައި ޢަބްދުﷲ ސަޢީދާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިންގެ ތެރެއިން 3 ހެކިންގެ ހެކިބަސް ނަގާފައިވަނީ އެއީ ކޮންބައެއްކަން ނޭނގޭ ގޮތައް ކަމަށްވެފައި، އެފަރާތްތަކުގެ ނަޒާހާތްތެރިކަމާއި، ޢަދުލުވެރިކަމާއި، މިނޫންވެސް ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ޝަރީޢަތުން ކަށަވަރުކޮށްފައިވާ ގޮތެއް އެނގެންނެތްކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވާއިރު ސިއްރު ހެކިބަސް ނަގާނެ ގޮތްތައް އެޤާނޫނުގައި ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށްޓަކައި، މިމައްސަލައިގައި ސިއްރު ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށްކަމުގައި ބެލެވެން ނެތްވެސް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
ހަމަ އެހެންމެ މި މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައިރު ޝަރީޢަތުގެ ކުރިން ދަޢުލަތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޝަރީޢަތުން ގޮތެއް ނިންމަވާފައިވަނީ ޝަރީޢަތް ފެށި އެ އަޑުއެހުމުގައި ކަމަށްވާއިރު، ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ އެންމެހައި ހުށަހެޅުން ހުށައަޅައި ނިމިފައިވަނީވެސް އެއަޑުއެހުމުގައިކަން އެނގެން އޮތުމުން، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤުޞަދު ހާސިލުނުވާނެ ފަދައަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މި މައްސަލައިގައި ވަކީލެއް އައްޔަން ކުރުމަށް އެކަށިގެންވާ ފުރުސަތު ދީފައިނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި ކްރިމިނަލް ކޯޓުގައި އުފުލާ ދައުވާ ފޯމްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ބަދަލުގައި ސޮއި ކުރައްވާނެ ބޭފުޅުން އެ އޮފީހުގެ ސާކިއުލާއިން އަންގާފައި ވީނަމަވެސް އެންމެ ރަނގަޅުގޮތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުތަކަށް ހުށަހަޅާ ދަޢުވާ ފޯމުތަކުގައި ސޮއިކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން މީހަކު ސޮއިކުރާނަމަ، އެ މީހަކު އެކަން ކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން ފޯމުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތުމުން ކަމަށް ވެސް ޝަރީއަތުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި އަބްދުﷲ ސައީދަށް އިއްވާފައިވާ ޖަލު ހުކުމާއެކު އެމަނިކުފާނަށް ލިބިފައިވާ ވަކީލުކަމުގެ ހުއްދައާއި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާތީ އެބައިވެސް ހުކުމުގައި ވަނީ އެބައިވެސް ބާތިލްކޮށްފައި އެވެ.