ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައިވާ އެއްވެސް މީހެއްގެ ކިބައިން ކޮރޯނާ ވައިރަސްގެ ޢަލާމާތެއް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް ކޮރޯނާ ވައިރަސް ހޮޓްލައިނަށް ގުޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި ޗައިނާއަށް ގޮސްފައިވާ މީހަކު ހުންއައިސް ކެއްސައި އަދި ނޭފަތުން ފެން އައުމާއެކު ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް އެއިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. މިކަމާއި ގުޅިގެން އެއިދާރާއަށް އަންގާނީ ކޮރޯނާ ވައިރަސް ހޮޓްލައިން 7377004އަށް ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ކޮރޯނާ ވައިރަހުން ޖެހޭ ބައްޔަށް ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ދިރާސާކުރަމުން އަންނަ އިރު މިބައްޔާއި ގުޅޭގޮތުން މުޅިން އައު މައުލޫމާތު ދަނީ އާއްމުކުރަމުންނެވެ. އެގޮތުން މިހާތަނަށްވެސް ޔަގީންކަމާއެކު ބަލީގެ ޢަލާމާތްތައް ފެންނަން ފަށާ މުއްދަތު ނޭނގުނު ނަމަވެސް ސައިންސްވެރިންގެ ހޯދުންތަކުން މިހާތަނަށް އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 2 ދުވަހާއި 14 ދުވަހާއި ދޭތެރޭގެ މުއްދަތެއްގައި ކަމަށެވެ.
ކޮރޯނާ ވައިރަހަކީ ބަލި ޖެހިފައި ހުރި މީހަކު ކެއްސައި ކިނބިހި އެޅުމުންވެސް ފެތުރޭ ވައިރަހެކެވެ. އަދި ކެއްސާއިރު މޫނުމަތީގައި އަތްއެޅުމަށްފަހު އަތުގައި ވައިރަހުގެ އަސަރު ހުއްޓާ އެހެންމީހެއްގެ ގައިގައި އަތްލުމުން ނުވަތަ އެމީހާ އަތްލާފައި ހުރިތަނެއްގައި އަތްލެވުމުން އަނެކާ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން މިހާތަނަށް މިބަލި ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓުކޮށްފައިވާ މީހުންގެ ޓްރެވެލް ހިސްޓްރީއަށް ބަލާއިރު ހިމެނެނީ ޗައިނާގެ ވުހާންއަށް ސީދާ ދަތުރުކޮށްފައިވާ މީހުންނާއި އެސިޓީއަށް ދަތުރުކޮށްފައިވާ މީހަކާއި ބައްދަލުވުމުގެ ސަބަބުން ބަލި ޖެހުނު މީހުންނެވެ.
ކޮރޯނާ ވައިރަސްއާއި ދެކޮޅަށް މުޅި ދުނިޔެ ތެދުވެފައިވާއިރު ރާއްޖެއިންވެސް އަންނަނީ މިބަލި ފެތުރިގެން ހިނގައިދާނެ ފަދަ ޙާލަތަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ބަލި ހުރި މީހަކު ރާއްޖެ އެތެރެވުން ހުއްޓުވުމަށް ރާއްޖެއަށް މީހުން އެތެރެވާ ހުރިހާ ޕޯޓެއްގައި ތާމަލް ކެމެރާތައް ހަރުކޮށްގެން އަންނަނީ ސްކްރީންކުރަމުންނެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ހެލްތް އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ މަޝްވަރާ ބައްދަލުވުންތައް ބާއްވައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އެކި މުޢައްސަސާތަކުން ފަށާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މުއައްސާތަކުގެ ދައުރާއި، އެއް މުއައްސަސާއަކުން އަނެއް މުއައްސަސާއަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ފަށާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުންނާއި ކުރިއަށް އޮތްތާންގައި ސަރުކާރުން މިކަމުގައި ޢަމަލުކުރާނެގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ކޮރޯނާ ވައިރަހުގެ އެއްވެސް އަސަރެއް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް މިވައިރަސް ރާއްޖެއަށްވެސް އެތެރެވެ ބަލި ފެތުރިދާނެ ކަމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅަން ފަށާފައެވެ.