ޖަލު ބަންދުގައި ހުންނަވައިގެން ދައުލަތަށް ދައްކަން ޖެހިވަޑައިގެންފައިވާ ފަސް މިލިއަން ޑޮލަރު ނުހޯއްދެއްވޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މަނީލޯންޑަރިންގެ ކުށުގައި އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާޠިލް ކުރުމަށް ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައެވެ.
މި އަޑުއެހުމުގައި ރައީސް ޔާމިންވަނީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ޙާލަތާ ގުޅޭގޮތުން ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަނީލޯންޑަރިންގެ ކުށުގައި އެމަނިކުފާނު ޖަލުގައި ބަންދުކުރުމާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި އޭރު ހިތުގެ ބައްޔެއް ޖެހިވަޑައިގެންނެވި ކަމަށާ، އެބަލީގެ ތަޙްލީލްތައް ރާއްޖެއިން ހެދެންނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން އުނަގަނޑުގެ ކަށިގަނޑެއްގުޑައިގެން އެކަންވެސް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާޠިލް ކޮށްދޭން ހުށައަޅާފައިވާ މިމައްސަލައިގެ މިއަދުގެ އަޑުއެހުމުގެ އޮތީ ރައީސް ޔާމީން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމަށް ނުވަތަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކެވުމރައީސް ޔާމިންގެ ފަރާތުން އެދިފައިވާ އެ އަމުރު ނެރެ ދިނުމާ ދެކޮޅަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ވަކީލުން ވަނީ ވާހަކަ ދައްކަވާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމެވެ.