ވިޔަފާރި

ސްޓާރބަކްސްއިން ޗައިނާގައި ހިންގާ 2000 އަށްވުރެ ގިނަ އައުޓްލެޓް ބަންދުކޮށްފި


ދުނިޔޭގެ ނަން މަޝްހޫރު އެމެރިކާގެ ކޮފީ ޗެއިން "ސްޓާ ބަކްސް"ގެ 4300 އަށްވުރެ ގިނަ އައުޓްލެޓް ޗައިނާގައި ދަނީ ހިންގަމުންނެވެ. ނަމަވެސް ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާ ވައިރަސްގެ ސަބަބުން ސްޓަރބަކްސްއިން ޗައިނާގައި ހިންގާ 2000 އައުޓްލެޓް މިހާރު ވަނީ ބަންދުކޮށްފައެވެ. މިގޮތުން ޗައިނާއިން ސްޓާބަކްސްގެ އައުޓްލެޓްތައް ބަންދުކޮށްފައިވަނީ ކޮރޮނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގައި ހިންގާ އައުޓްލެޓްތަކެވެ.

ސްޓާރބަކްސް އިން ބުނީ ޗައިނާގެ 2000 އައުޓްލެޓް ބަންދުކުރަން ނިންމީ ޗައިނާގެ ސަރުކާރުން ކޮރޮނާ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުންދިނުމަށާއި، ކެފޭތަކުގެ ސްޓާފުންނާއި، އެތަންތަން ބޭނުންކުރާ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައިކަމަށެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ސްޓަރބަކްސް ކުންފުނީގެ ވިޔަފާރީއަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް ބެލެވެއެވެ. ސްޓާރބަކްސްގެ ޗީފް އެގްޒެކެޓިވް ކެވިން ޖޯންސަން ބުނީ އެކުންފުނިން މިހާރު ކުރިމަތި ލަމުން މިދަނީ ވަރަށް ނާޒުކު ދަނޑިވަޅަކާއިކަމަށެވެ. އަދި ކުރިން ލަފާކުރި ގޮތަށް މިއަހަރުގެ ފުރަތަމަ ކުއަޓާގައި ކުންފުނީގެ ފައިދާ މައްޗަށް ދާނެކަމަށް ލަފާކުރިނަމަވެސް މިހާރު އެގޮތަށް އެކަން ހިނގާނެކަމަށް ނުބެލެވޭކަމަށެވެ.

ޗައިނާއަކީ އެމެރިކާއަށްފަހު ސްޓާރބަކްސްގެ އެންމެ ގިނަ އައުޓްލެޓް ހިންގަމުންދާ ޤައުމެވެ. އެކުންފުނީގެ ފުރަތަމަ އައުޓްލެޓް ޗައިނާގައި ހުޅުވާފައިވަނީ 1999 ވަނަ އަހަރުއެވެ. ސްޓާރބަކްސް ކުންފުނީގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ އަކީ ޗައިނާގެ އައުޓްލެޓްތަކުން ލިބޭ އާމްދަނީއެވެ. އެހެން ކަމުން ޗައިނާއަކީ އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ޤައުމެވެ.

ކޮރޮނާ ވައިރަސްގެ ސަބަބުން ޗައިނާގައި ސަތޭކަ ތިރީހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަހާހަށްވުރެ ގިނަ މީހުންނަށް މިހާރު މިބަލި ޖެހިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮރޮނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ބޮޑެތި އަސަރުތަކެއް އަންނާނެކަމަށް އިޤްތިސާދީ ދާއިރާގެ މާހިރުން ވަނީ ބުނެފައެވެ. މިގޮތުން ހުރިހާ ބާވަތެއްގެ ވިޔަފާރިއަށްވެސް ބޮޑެތި އަސަރުތަކެއްކުރާނެކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓާރބަކްސްގެ އިތުރުންވެސް ޗައިނާގައި ހިނގާ ބޮޑެތި ކުންފުނިތަކުން ދަނީ ކޮރޮނާ ވައިރަސްއިން ސްޓާފުން އަދި ހިދުމަތް ހޯދާ ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން އެޕަލް ކުންފުނިން އެކުންފުނީގެ ޗައިނާގައި ހިންގާ ފެކްޓްރީތަކާއި ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތައް ވަނީ މަދުކޮށްފައެވެ. އަނެއްކޮޅުން ފޭސްބުކް ކުންފުނިން ވަނީ ޗައިނާއަށް އެކުންފުނީގެ ސްޓާފުން ދަތުރުކުރުން މަނާކޮށްފައެވެ.

ޗައިނާގެ އެތެރޭގެ ދަތުރުފަތުރާއި، ޗައިނާއިން ބޭރަށް އެޤައުމުގެ މީހުން ކުރާ ދަތުރުތައް މިހާރުވަނީ ސަރުކާރުގެ އެންގުމުގެ ދަށުން ހުއްޓާލާފައެވެ. އަދި ޗައިނާއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ކޮރޮނާ ފެތުރޭ ސަރަހައްދުތަކަށް އޮޕަރޭޓް ކުރާ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. މީގެއިތުރުންވެސް ޗައިނާގެ އެތެރޭގައި ދިރޭ ތަކެތީގެ ވިޔަފާރިކުރުން ވަނީ ހުއްޓާލާފައެވެ.