ކޮރޯނާ ވައިރަހާއި ގުޅިގެން ބަނދަރުތަކުގައި ބޭނުންކުރާނެ ހޭންޑް ސްކޭނަރތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވީ ހޭންޑް ސްކޭނަރތައް ގެނައުމުގެ އިތުރުން އެއަރޕޯޓުތަކުގެ ދޮރާށިތަކުގައި ސްކްރީނިންގ ކެމެރާތައް އިތުރަށް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައިވާކަމަށެވެ.
ކޮރޯނާ ވައިރަހާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އަދި އިތުރަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައިވަނީ އެއަރޕޯޓުތަކުގެ ސްކޭނިންގ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ކަނޑުމަގުން އަންނަ އެކި އުޅަނދުތަކުގައި އަންނަ މީހުން ސްކްރީންކުރުމަށް ބަނދަރުތަކުގައި ބޭނުންކުރާނެ ހޭންޑް ސްކޭނާތައް ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑު ބޯޓާއި ކްރޫޒްލައިނާތަކާއި ޔޮޓުތަކުގައި އަންނަ މީހުންވެސް ސްކްރީން ކުރަމުން ގެންދާނެއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައިވަނީ ވަނީ ކޮރޯނާއަށް ޝައްކުކުރެވޭ މީހަކު ފެންނަ ޙާލަތުގައި ޢަމަލުކުރުމަށް މިހާރު އެކުލަވާލާފައިވާ އުސޫލުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ކޮރޯނާއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހާ އައިޖީއެމްއެޗަށް ނުވަތަ ހުޅުމާލޭގައި ޤާއިމުކޮށްފައި ހުންނަ އައިސޮލޭޝަން ސެންޓަރަށް ގެންދާނެ ގޮތުގެ ޕްލޭންވެސް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން އެމަރޖެންސީ ޙާލަތުގައި މަސައްކަތްކުރާނެ ޑްރައިވަރުން އެމްއެންޑީއެފުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މީހުން އުފުލުމުގައި އެކަމަށް ޚާއްސަ އެމްބިއުލާންސްތަކުގައި އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވީއެންމެ ކުޑަގޮތަކަށް ގެންދިޔުމަށް އިސްކަންދިނުމަށްވަނީ ނިންމާފައެވެ.
މީގެއިތުރުން ހުޅުމާލޭ އަދި އައިޖީއެމްއެޗުގެ އައިސޮލޭޝަން ސެންޓަރުތަކުގެ މަސައްކަތަށް ބޭނުންވާ ނަރުހުން ވަގުތީގޮތުން އަތޮޅުތެރެއިން ގެނައުމަށް ނިންމާ އެކަންވެސް ކުރިއަށް ދާކަން ވަނީ މިބައްދަލުމުގައި ހާމަކޮށްފައެވެ.
ހަމައެއާއެކު ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމާއި ރިސޯޓުތަކާއި އަތޮޅުތެރޭގައި ހުރި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ކަންކަން ބެލުމުގައި ޙަރަކާތްތެރިވާނެ މީހުން ތަމްރީނުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ.
އެއާއެކު ޗައިނާގައި ތިބި ދިވެހިން ރާއްޖެގެނައުމަށް ރައިސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އެފަރާތްތައް ރާއްޖެއައުމުން ޢަމަލުކުރާނެގޮތުގެ ޕްލޭނެއްވެސް އެކުލަވާލައި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.