ދުނިޔެ

ނިއުކުލިޔާ އެއްބަސްވުމާ ދެކޮޅު ނެހެދުމަށް އޮބާމާ ގޮވާލައްވައިފި


އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވި ނިއުކްލިޔަރ އެއްބަސްވުމަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި ގޮތް ކަމަށާ މިއެއްބަސްވުމާ ދެކޮޅަށް މަސައްކަތް ނުކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކޮންގްރެސް އަށް އިންޒާރު ކުރައްވައިފިއެވެ.އޮބާމާ ވިދާޅުވީ މިއެއްބަސްވުމަށް ހުރަސްއެޅުމުގެ ގޮތުން ކޮންގްރެސް އިން ފާސްކުރާ ކޮންމެ ގާނޫނަކާ ދެކޮޅަށް އޭނާ ވީޓޯގެ ބާރުގެ ބޭނުންކުރައްވާނެ ކަމަށެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށްޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އިއްޔެ ސޮއިކުރި އެއްބަސްވުމަށް މުޅިދުނިޔެ މަރްޙަބާ ކިޔަމުންދާއިރު މިއެއްބަސްވުމާ ދެކޮޅަށް އަޑުއުފުލައި ހަރުކަށިކަން ދައްކާ ހަމައެކަނި ގައުމަކީ ފަލަސްތީނުގެ ބިންތައް ގަދަބާރު ހިފައިގެން އުޅޭ ހައްދުފަހަނަޅާފައިވާ އިސްރާއީލެވެ. މީގެއިތުރުން އެމެރިކާގެ ކޮންގްރެސްގައި އަޣްލަބިއްޔަތު އޮންނަ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ވިސްނުމުގެ މެންބަރުންވެސް މިއެއްބަސްވުމާ ދެކޮޅު ހައްދަވައެވެ.މިފަދަ މެންބަރުންނަށް އިޝާރާތް ކުރައްވައި އޮބާމާ ވިދާޅުވީ އީރާނާއެކުވެފައިވާ ނިއުކްލިޔަރ އެއްބަސްވުމަކީ ނިއުކްލިޔަރ ހަތިޔާރު ހެދުމުން އީރާން އެއްކިބާ ކުރެވޭނެ ހަމައެކަނި ގޮތްކަމަށެވެ. އަދި މިއެއްބަސްވުމުގެ ބޭނުން ހެޔޮގޮތުގައި ހިފިއްޖެނަމަ އެމެރިކާގެ ގައުމީ ސަލާމަތާއި ބައިނަލްއަގްވާމީ އަމްނާއި ސުލްޙަ، ޙިމާޔަތް ކުރެވިގެންދާނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.މެދުއިރުމަތީގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމުގައި އީރާނާ ވާދަކުރާ ސައޫދީ އަރަބިޔާއާއި ޔޫ.އޭ.އީގެ އިސްވެރިންނާވެސް އޮބާމާ އިއްޔެވަނީ ފޯނުން ގުޅުއްވައި އީރާނާއެކު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމުގެ މުހިއްމުކަން އެބޭފުޅުންނަށް ހާމަކޮށްދެއްވާފައެވެ.އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ސައޫދީ އަރަބިޔާއިން ފިނި ތަރްހީބެއް ދީފައިވާއިރު ޔޫ.އޭ.އީން ވަނީ އާންމު ޑިޕްލޮމެޓިކް އުސޫލުގެ މަތިން މިއެއްބަސްވުމަށް މަރްޙަބާ ކިޔާފައެވެ. މިގޮތުން ޔޫ.އޭ.އީ ގެ ރައީސް ޚަލީފާބިން ޒާޔިދްވަނީ މިއެއްބަސްވުމާ ގުޅިގެން އީރާނުގެ ރައީސް ޑރ.ހަސަން ރޫހާނީ އަށް ފޯނުންގުޅުއްވައި މަރްހަބާ ވިދާޅުވެފައެވެ.އީރާނާއި ދުނިޔޭގެ ބާރުތަކުން ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަކީ ހުރިހާ ފަރާތަކުންވެސް ދޫދީގެން އެއްބަސްވި އެއްބަސްވުމެކެވެ. އެހެންކަމުން ދެފަރާތުންކުރެ އެއް ފަރާތަކަށްވެސް ބޭނުންވި ހުރިހާކަމެއް މިއެއްބަސްވުމުން ޙާސިލް ކުރެވިފައެއްނުވެއެވެ.އީރާނަށް ބަލާއިރު މިއެއްބަސްވުމުގެ ދަށުން އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް މުޅިން ހުއްޓާލަން ނުޖެހުނު ނަމަވެސް 10 އަހަރުވަންދެން މިޕްރޮގްރާމް ގެ މަސައްކަތްތައް އދ.ގެ ބެލުމުގެ ދަށުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެއެވެ.ނަމަވެސް ނިއުކްލިޔަރ މައްސަލާގައި ހުޅަނގުންނާއި އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ، މާލީ އަދި ޓެކްނޮލޮޖީގެ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް މިއެއްބަސްވުމުގެ ސަބަބުން އުވާލެވިގެންދާނެއެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ އެތަށްސަތޭކަ ބިލިޔަން ޑޮލަރެއް އަލުން އަނބުރައި އީރާނަށް ލިބުމުގެ ފުރްސަތުވެސް ތަނަވަސްވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން އީރާނަށް އިގްތިސާދީ ތަނަވަސްކަމާއި ފާގަތިކަމާއި ތަރައްގީ ލިބުމަށް މަގުފަހިވެ ބައިނަލްއަގްވާމީ ދުނިޔޭގައި ބޮޑެތި ފުރްސަތުތަކެއް އެގައުމަށް ލިބިގެންދާނެއެވެ.ބޮޑެތި ބާރުތަކަށްބަލާއިރު މަދުވެގެން 10 އަހަރުގެ މުއްދަތަށް އީރާނުގެ ނިއުކްލިޔަރ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތާއި އީރާނުން ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީއާއި ޔަގީންކަން މިއެއްބަސްވުމުގެ ސަބަބުން ބޮޑެތި ބާރުތަކަށް ލިބިގެންދާނެއެވެ. އަދި އީރާނުގެ ތެލާއި ގުދްރަތީގޭސްފަދަ ބޮޑެތި އިންޑަސްޓްރީތައް ތަރައްގީކުރުމުގައާއި އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައްކޮށްގެން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިދާ ޙާސިލްކުރުމުގެ ފުރްސަތުވެސް ފަހިވެގެންދާނެއެވެ.