ކުޅިވަރު

ކުޅެކުޅެ ގޯލެއް ނުޖެހުނު: ސޯލްޝަޔާ


ވުލްވުސްއާ ދެކޮޅަށް މި އަހަރު މިހާތަނަށް ތިން މެޗު ކުޅެވިއްޖެ ކަމަށާއި ކުޅެކުޅެ އެމީހުންނަށް ޔުނައިޓެޑް ކޮޅަށް ގޯލެއް ނުޖެހުނު ކަމަށް ކޯޗު އޮލޭގަނާ ސޯލްޝަޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވުސްއާ ކުޅެ 0-0އިން އެއްވަރުވުމުންނެވެ.

"އެމީހުންނަށް އަދި ގޯލެއް ނުޖެހޭ. ތިން މެޗު ކުޅެވިއްޖެ. އެމީހުންނަކީ ވަރަށް ރޭވުންތެރި ޓީމެއް. އަހަރުމެން ޕާސްކޮށްކޮށް ފުރުސަތު ނުލިބުނު. ދެ ވަނަ ހާފުގައި ކޮންމެވެސް ވަރެއްވި،" ސޯލްޝަޔާ ބުންޏެވެ.

މި މެޗުގައި ޔުނައިޓެޑަށް އަލަށް ގެނައި ދެ ކުޅުންތެރިންގެ ތެރެއިން ޕޯޗުގަލް ސްޕޯޓިން ލިޒްބަންގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކުޅުނެވެ.

"ބްރޫނޯ ފެނާންޑޭޒް ވަރަށް މޮޅު ކުޅުންތެރިއަކަށްވާނެ. މި މެޗުގައި ވެސް އޭނާ އެކަން ދައްކައދީފި. އެކަމަކު އޭނާ އަށް ވަގުތު ބޭނުންވޭ. އެވަގުތު ދޭންޖެހޭނެ. އޭނާ އަށް ދިނީ ތަންކޮޅެއް ޑީޕް ރޯލެއް. އަހަންނަށް ހީވަނީ އޭނާ އާއި ފްރެޑް ގުޅިގެން ރަނގަޅު ކުޅުމެއް ދެއްކިހެން،" ސޯލްޝަޔާ ބުންޏެވެ.

އޭނާ ބުނީ ލޯނު އުސޫލުން ގެނައި ފޯވަޑް އޮޑިއޮން އިހާލޯ އަކީ ވެސް ޓީމަށް ގިނަ ކުރިއެރުން ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށެވެ. އަދި މި މެޗުގައި ނުކުވިޔަސް ދެން އަންނަ މެޗުގައި އޭނާގެ ބޭނުން ހިފާނެ ކަމަށެވެ.