ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށް އައްޔަންކުރި ނަމަވެސް ސިޔާސީގޮތުން އޭނާ އަދާކުރާ މަގާމުތަކާ ގުޅުމެއް ނެތް ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭނާ މިހެން ބުނިއިރު ސުޒޭންއަކީ ކުރީގެ ރައީސް މައުމޫނަށް ލަފާ އަރުވަން އެމްއާރުއެމްއިން ނަގާފައިވާ މެމްބަރުންގެ ކޮމިޓީގެ މެމްބަރެވެ. މިކަމާބެހޭ ގޮތުން ސުވާލުކުރުމުން ސުޒޭން ބުނީ އެމްއާރުއެމްއަކީ ސިޔާސީ ޕާޓީއެއް ނަމަވެސް އޭނާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްނޫން ކަމަށެވެ.
"އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްނޫން. އައިޑީކާޑު ޖަހައިގެން ބެލިޔަސް ވަރިހަމަ. ވަރަށް ގިނަ ނޫސްވެރިންނަށް އެނގޭނެ އައިޑީކާޑު ނަންބަރުވެސް. ދިވެހިރާއްޖޭގެ 30 އަހަރު ވެރިކަން ކުރި މީހަކު އަޅުގަނޑުގެ ލަފާއަކަށް އެހީމާ އެކަން ކުރުމަކީ ގޯހެއްނޫން،" ސުޒޭން ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވީ އެފްއޭއެމުގެ އިންތިހާބުގައި ބައްސާމް އަދީލް ޖަލީލްއާ ބައިއަތު ހިފާކަށްނޫން ކަމަށް ވެސް ސުޒޭން ބުންޏެވެ. މީގެ ކުރިން އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކިޔަންދިޔަ ކޯޗު ބުނީ ފުޓްބޯޅައިގައި އޭނާ ބައްސާމާ ދިމާލަށް އެއްވެސް ފާޑެއް ނުކިޔާ ކަމަށާއި އެފަދަ ރެކޯޑިންއެއްވެސް ނޯންނާނެ ކަމަށެވެ.
މިހެންވުމުން ފުޓްބޯޅައިގައި ބައްސާމްގެ ދަށުން އެފްއޭއެމުގެ މަގާމެއް އަދާކުރަން އޭނާ ލަދުގަންނަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. ސުޒޭން ބުނީ މީގެ ކުރިން އޭނާ ފާޑުކިޔާފައިވަނީ ކަންކަން ރަނގަޅު ކުރަން ކަމަށާއި އޭގެ ތެރެއިން ބައެއްކަންކަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.