އުމުރާގެ
އަޅުކަމަށް ފަހު އުމުރާވެރިން އެނބުރި ރާއްޖެ އަންނައިރު ފެތުރިދާނެ ރޯގާއަކަށް
ސަމާލު ވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިދުވަސްވަރަކީ
އުމުރާގެ އަޅުކަން އަދާކުރުމަށްފަހު އުމުރާވެރިން ރާއްޖެ އެނބުރި އަންނަ
ދުވަސްވަރު ކަމަށްވުމާއެކު ފެތުރިގެން ހިނގައިދާނެ ރޯގާއަކުން
ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އުމުރާވެރިންނަށާއި އެބެފުޅުންގެ
އާއިލާގެ ބޭފުޅުންގެ އިތުރުން އާއްމު ރައްޔިތުންނަށް ހެލްތް މިނިސްޓަރ އިރުތިޝާމް
އާދަމް އިލްތިމާސްކުރައްވައެވެ. ހެލްތު މިނީސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
މިނިސްޓަރ ވިދާޅުވީ ހައްޖާއި އުމުރާގެ އަޅުކަމުން އެނބުރި ވަޑައިގަންނަވާ
ފަރާތްތަކަށް ޚާއްސަ ކުލިނިކެއް މިހާރު ޤާއިމް ކޮށްފައިވާކަމަށެވެ.
މިދުވަސް
ފެތުރިދާނެ ރޯގާއަކަށް ރައްކާތެރިވުމުގެ ގޮތުން ހެލްތް މިނިސްޓްރީއާއި ކަމާއި ގުޅޭ
އެހެނިހެން މުއައްސަސާތަކުން ދަނީ މިކަމަށް ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް
ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ
އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާފަރާތްތަކަށް ބައްޔާގުޅޭގޮތުން
މައުލޫމާތުދީ ފަރުވާ ކުރާނެ ގޮތުގެ ޓްރެއިނިންގ ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވެއެވެ.
އަދި ބަލި ފެތުރޭ މިންވަރުބަލައި، ބައްޔާ ގުޅުންހުރި އެހެނިހެން މައުލޫމާތު
އެއްކޮށް ދިރާސާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން
މައުލޫމާތުދެއެވެ. މިފަދަ
ބަލިތަކުން ރައްކާތެރިވުމަށްޓަކައި އާއްމުންގެ އެއްބާރުލުން ދިނުން
މުހިންމުކަމުގައި އެޗް.ޕީ.އޭގެ ސީނިއަރ މެޑިކަލް އޮފިޝަރ ޑރ ރަޒާނާ ފާއިޒް ހާމަކުރައްވައެވެ.
މާސް
ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި
ހުންއައިސް ކެއްސާ ނޭވާލަން އުނދަގޫވެ ރޯގާގެ އުދަގުލެއް ކުރިމަތިވޭތޯ ބައްލަވަމުން
ގެންދިއުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އަދި މާސްކޮރޯނާގެ
އަލާމާތެއް ފެނިއްޖެނަމަ ގުޅާނެ ހޮޓްލައިން ނަންބަރެއްވެސް މިހާރު ގާއިމްކޮށްފައިވެއެވެ.
ރާއްޖޭގައި މި ރޯގާއަށް ޝައްކު ކުރެވޭ މީހަކު ޓެސްޓް ކުރަން ޖެހިއްޖެނަމަ ޑަބުލިއުއެޗްއޯއާއި
ގުޅިގެން މިހާރު ތައިލެންޑްގެ ލެބެއްގައި ޓެސްޓް ކުރެވޭނެ އިންތިޒާމްވެސް
ގާއިމްކޮށްފައިކަމަށް ހެލްތް މިނިސްތްރީން މައުލޫމާތުދެއްވައެވެ.