ސިޔާސީ

ޚަރަދު ކުޑަކުރިޔަސް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނެ- ފިނޭންސް މިނިސްޓަރ


ދަޢުލަތުގެ ޚަރަދުތައް ކުޑަކުރިނަމަވެސް ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ނިންމާފައި ނުވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް މަޖިލީހުގައި ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިވަގުތު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ ދުނިޔޭގެ އިޤްތިޞާދަށް ކުރާ އަސަރުތައް ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޗައިނާއަކީ ދުނިޔޭގެ އިޤްތިޞާދުގެ ބޮޑުބައެއް ހިއްސާކުރާ ޤައުމަކަށްވާއިރު ޗައިނާގެ އިޤްތިޞާދަށް އަންނަ ކޮންމެ ލޮޅުމަކީ، ދުނިޔޭގެ އިޤްތިޞާދަށްވެސް އަންނާނެ ލޮޅުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އިޤްތިޞާދަށް ކޮށްފާނެ އަސަރަކަށް ބަލާފައި، ރާއްޖެއިންވެސް ދުރާލާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި ނަމަވެސް ތަރައްޤީގެ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދައުލަތުގެ ޚަރަދުކުޑަކުރުމަށްޓަކައި އެންމެ ބޮޑަށް ކުޑަކުރަން މަސައްކަތްކުރާނީ ރިކަރަންޓް ޚަރަދު. އެގޮތުން މުވައްޒަފުންނަށް ހިނގާ ޚަރަދު، ދަތުރުފަތުރުގެ ޚަރަދު އަދި މަރާމާތުކުރުމުގެ ޚަރަދު. މިހާތަނަށް ޕީއެސްއައިޕީގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމަށް އެއްވެސް ވަރަކަށް ނިންމާފައެއް ނުވޭ. ބަޖެޓްގައި ހިމެނިފައިވާ ގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މަޖިލީހުގައި ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް މިއަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ކުޑަކޮށް ދަށްވެގެންދާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮރޮނާ ވައިރަސްގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރުތައް އެނގިގެންދާނީ ދެތިން މަސް ފަހުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން އިޤްތިޞާދީގޮތުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ރާއްޖެއިން މަސައްކަތް ފަށާފައިވާއިރު، ބައެއް ޤައުމުތަކަށް މިހާރުވެސް ދަނީ އިޤްތިޞާދީގޮތުން ގެއްލުންތައް ކުރިމަތިވަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާ އަދި އުފެއްދުންތެރިކަމާ ގުޅޭ ގިނަ ދާއިރާތަކަށް ގެއްލުންވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.