ހެއްކާބެހޭ ޤާނޫނު އޮތްގޮތުން ޖިނާޢީ އިޖްރާއަތުގެ ޤާނޫނާ ޙަވާލާދީ ސިއްރު ހެކިބަސް ނެގެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަމަށް ވިދާޅުވެ އެ ނިންމުމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސައިން ޝަމީމް ފާޑު ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ސިއްރު ހެކިބަސް ނެގޭނެ އުސޫލުތައް ޤާނޫނުގައި އެބަހުރިކަމަށާ ސިއްރު ހެކިބަސް ނެގުމާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
"ޤާނޫނުގައި އެބައޮވޭ ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރަކާއި ހެކި، ރައްކާތެރިކުރުމުގެ ދާއިމީ އަމުރެއް ނެރެވޭނެ ގޮތްތައް ކިޔާދީފައި. ޖިނާއީ އިޖްރާޢަތުގެ ޤާނޫނުގައި ސާފުކޮށް އެވާހަކަ ކިޔާދީފައި އެބަ އޮވޭ. ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތީ ފަހަތުގައި އޮތް މާއްދާއެއް އެކަނި. އެ ބޭފުޅާ މުޅި ގާނޫނު އެއްކޮން ވިދާޅުވެފައި އޮތް ނަމަހީ، މި މައްސަލަ މި ގޮތައް ދިމައެއް ނުވިސް،" ޝަމީމް ވިދާޅުވިއެވެ.
ސިއްރު ހެކިބަހާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ އެ ނިންމުން ސުޕްރީމް ކޯޓުގައި ޕީޖީވަނީ އިސްތިއުނާފް ކުރައްވާފައެވެ. ޝަމީމް ވިދާޅުވީ އެމައްސަލައަކީ މުޅި ނިޒާމާ ގުޅުންހުރި މައްސަލައަކަށްވާތީ އެމައްސަލަ ވީހާވެސް އަވަސް ކޮށްދިނުމަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ސިއްރު ހެކިބަހާ ގުޅޭގޮތުން ނިންމާފައިވާ ނިންމުގެ ސަބަބުން މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށްވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ބަންޑާރަނައިބު ކަނޑައަޅުއްވާފައިވާ ސިޔާސަތުގައިވެސް އެބައޮތް ސިއްރު ހެކިބަސް ނަގަންޖެހޭ ގޮތާއި ސިއްރު ހެކިބަސް ނަގަންވީ ގޮތް ކިޔާދީފައި. އެހެންވީމަ މި ސިއްރު ހެކިބަހަކީ އެކަމާ ގުޅޭ ގޮތުން ސުވާލެއްވެސް އޮތް ކަމެއް ނޫން އެ ހުކުމާ ހަމައަށް. އެ ސުވާލު އައި ގޮތެއްވެސް މި އުޅެނީ އަޅުގަނޑުމެނަށް ވިސްނާ ވިސްނާ ވެސް ނޭނގިގެން،" ޝަމީމް ވިދާޅުވިއެވެ.
ކޯޓުތަކުން ސިއްރު ހެކިބަސް ނަގަމުން އައިގޮތް އެއީ ސައްޙަގޮތެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދަޢުވާގެ ހުކުމާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ ގަޞިއްޔާގައެވެ.
އެކޯޓުން ކަނޑައަޅާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވާއިރު ސިއްރު ހެކިބަސް ނަގާނެ ގޮތްތައް އެޤާނޫނުގައި ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެން ކަމުން އެމައްސަލާގައި ސިއްރު ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށްކަމުގައި ބެލެވެން ނެތްކަމަށްވެސް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.